ޚަބަރު

އަންދާޒާކުރި އަދަދަށްވުރެ މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ %22.3 އިތުރު


  • މިދިޔަމަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވޭ

  • މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.7 އިތުރު އަދަދެއް

  • މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީން

މިދިޔަމަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.7 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %22.3 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީމަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.5 އިތުރުވުމުގެ ސަބަބުން، މިދިޔަމަހު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ މިއަހަރުގެ ފެބުރުވަރީގައި ބަލައިގަނެފައިވުމުން މިދިޔަ އަހަރާއި އަޅާބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަމަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން އަދި ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ.

މިދިޔަމަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.63 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 246.36 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން ގްރީން ޓެކުހުގެ ގޮތުގައި 102.85 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 91.08 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 89.48 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 168.78 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފެބުރުވަރީ 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.