އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީއާއެކު ރާއްޖެއަކީ ބަންކަރިންގެ މަޤުބޫލު މަންޒިލަކަށްވާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޤާއިމްކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސޮއިކޮށްފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސް.ޓީ.އޯއާއި މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ ވިޓޯލްއާ ދެމެދުއެވެ. މި އެއްބަސްވުމުގެ ދަށުން ބަންކަރިން ޕްރޮޖެކްޓާ ގުޅޭގޮތުން ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރަށް ބަންކަރިން ނުވަތަ ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ސިނާޢަތަކީ އިޤުތިޞާދު ފުޅާކުރުމަށް މުހިންމު ސިނާޢަތަކަށް ވާނެ ކަމަށެވެ. އަދި ބަންކަރިންގެ ސިނާޢަތަކީ ރާއްޖެއަށް އައު ސިނާޢަތެއްކަމަށާއި ދުނިޔޭގެ 1 ނަންބަރު އެނަރޖީ ޓްރޭޑިން ކޮންޕެނީ ވިޓޯލްއާއެކު ވެވުނު އެއްބަސްވުމާއެކު މަޤުބޫލު ބަންކަރިންގެ ޚިދުމަތްދޭ ޤައުމަކަށް ރާއްޖެވާނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ ދުނިޔޭގައި ރާއްޖެ އުފެދިފައި އޮންނަނީ ބަންކަރިންގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ބޯޓުފަހަރު ދަތުރުކުރާ ދެ ޗެނަލް ކައިރީ ކަމަށެވެ.
"ބޮސްޓިން ކޮންސަލްޓިން ގުރޫޕު ފަދަ ތަންތަނުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން ބަންކަރިންގެ ޚިދުމަތް ކާމިޔާބުކަމާއެކީ ދެވޭނެ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ މަޑު ކަނޑެއް ލިބިފައިވުމާއި ރާއްޖޭގެ ކަނޑުތައް ތިލަވުން. މީގެ ސަބަބުން ތަފާތު ސައިޒުތަކުގެ ބޯޓުފަހަރު ރާއްޖޭގައި މަޑުކޮށް ފަސޭހަކަމާއެކު ބަންކަރ ކުރެވޭނެ." ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ދިނުމަށް ޤުދުރަތީ ގޮތުން ރާއްޖެއަށް ލިބެންޖެހޭ ހުރިހާ ނަސީބެއް ލިބިފައިވާކަމަށާއި ނެތީ އެފަދަ ޚިދުމަތެއް ދެވޭނެ ފެންވަރުގެ ފެސިލިޓީއެއް ކަމަށެވެ.
އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ޤާއިމްކުރުމަށް ނިންމާފައިވާ ޚާއްސަ އިޤުތިޞާދީ މަޝްރޫޢު ކުރިއަށްގެންދަނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައެވެ. މި މަޝްރޫޢު ހިންގަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި ކުންފުނީގެ ދަށުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏެއް ހިމެނެއެވެ.