ބަންކަރިން ޕްރޮޖެކްޓާއެކު ސަރުކާރަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ ސްޓޭކް ހޯލްޑަރުންނަށް ބޮޑެތި ފައިދާތަކެއްކުރާނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ، ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިހަވަންދިއްޕޮޅުގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ ބަންކަރިން ފެސިލިޓީ ހިންގުމުގެ އެކްސްކްލޫސިވިޓީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޓީއޯއާއެެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓާއެކު އިޤުތިޞާދީ އެތައް ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށެވެ. އެގޮތުން ސަރުކާރަށް ލިބޭ ޓެކްސް އާމްދަނީގެ އިތުރުން ކުންފުނީގެ އާމްދަނީ ވެސް އިތުރުވެ ސްޓޭކް ހޯލްޑަރުންނަށް ބޮޑެތި ފައިދާތަކެއްކުރާނެ ކަމަށް ޝިމާދް ވިދާޅުވިއެވެ.
"ބަންކަރިން ޕްރޮޖެކްޓާއެކު ރާއްޖޭގެ ފޮރިން އެކްސްޖޭންޖްގެ ރިޒަރވް އިތުރުވެގެންދާނެ. އަދި އިތުރު ވަޒީފާގެ ފުރުޞަތުތައް ހުޅުވި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއްކުރާނެ." ޝިމާދް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޓޯލް ކޮންޕެނީގެ ޑައިރެކްޓަރ ޖޭ ޔަންގް ވިދާޅުވީ ވިޓޯލަކީ ބަންކަރިންގެ ޚިދުމަތް ދިނުމުގައި ދުނިޔޭގެ ނަން މަޝްހޫރު ގްލޯބަލް ބްރޭންޑެއް ކަމަށެވެ. އަދި ވިޓޯލްގެ ބަންކަރިން ހަބްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާކަމަށާއި އޭގެތެރޭގައި ސިންގަޕޫރާއި އެމެރިކާއާއި ޔޫއޭއީއާއި ތުރުކީ ފަދަ ޤައުމުތައް ހިމެނޭ ކަމަށެވެ.
"2023 ވަނަ އަހަރު ދުނިޔޭގައި ބަންކަރިންގެ މާކެޓުގައި ސަޕްލައިގެ 6 އިންސައްތައަކީ ވިޓޯލްގެ ފެސިލިޓީތަކުން ޑެލިވަރީތައް. އެއީ ގާތްގަނޑަކަށް ދުނިޔޭގައި ޢާންމުކޮށް ސަޕްލައިކުރާ 230 މިލިޔަން ޓަނުގެ ތެރެއިން 13 މިލިޔަން ޓަނު." ޖޭ ޔަންގް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝިމާދް އިބްރާހިމެވެ. ވިޓޯލް ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ޖޭ ޔަންގްއެވެ.
ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއިކުރި ޓާރމް ޝީޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރެވޭ ޓާރމް ޝީޓެކެވެ.
މިއެއްބަސްވުމުގެ ދަށުން ބަންކަރިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާރޖަށް ވިޓޯލްއިން ސަޕްލައި ކޮށްދޭނެއެވެ. މީގެ ތެރޭގައި ބޯޓުތަކަށް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ހިމެނެއެވެ. އަދި ޑިމާންޑް އޮތްނަމަ، ކުރިއަށް އޮތްތާނގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ވިޓޯލްގެ ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ދިވެހި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި މި ޓާރމް ޝީޓާ ގުޅިގެން ހެދޭ އެއްބަސްވުމުގައި، އެސް.ޓީ.އޯ ވާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކަރ ސަޕްލަޔަރަށް ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.