ޚަބަރު

ޔަހޫދީ ފައުޖުން ލުބްނާނަށް ޙަމަލާދީ ޙަމާސްގެ ލީޑަރެއް ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުން ލުބްނާނަށް ވައިގެ ޙަމަލާތަކެއްދީ ޙަމާސް ޖަމާޢަތުގެ އިސް މެންބަރެއް ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޑްރޯން ޙަމަލާތައް ދީފައި ވަނީ ލުބްނާނުގެ ދެކުނު އިޠާރުގައި އޮންނަ ރަޝީދިއްޔާ ރެފިއުޖީ ކޭމްޕު ކައިރިއަށެވެ. ޔަހޫދީންގެ މިސައިލް ޙަމަލާއެއްގައި މެންބަރެއް ޝަހީދު ކޮށްލާފައިވާ ކަން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ކަށަވަރު ކޮށްދެއެވެ. އެއީ, ޙަމާސްގެ އިސް އޮފިޝަލެއް ކަމަށް ޔަހޫދީން ބުނި ނަމަވެސް އެ ޖަމާޢަތުން ދޮގު ކުރެއެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާގައި ޝަހީދު ކޮށްލާފައި ވަނީ ހާދީ ޢަލީ މުޞްޠަފާއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ, އިޠާރުގެ ރަޝީދިއްޔާ ރެފިއުޖީ ކޭމްޕު ކައިރިން ކާރެއްގައި ދަތުރު ކުރަމުން ދަނިކޮށް, ޔަހޫދީންގެ ޑްރޯނަކުން އެ ކާރަށް ދިން ވައިގެ ޙަމަލާތަކުގައެވެ. މުޞްޠަފާއަކީ ޙަމާސްގެ ހަތިޔާރު އެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ އިސް މެންބަރެއް ކަމުގައި އެ ޖަމާޢަތުގެ އަލް-އަޤްޞާ ޓީވީން ބުނެއެވެ.

ޔަހޫދީން ބުނީ, މުޞްޠަފާއަކީ އިސްރާއީލުގެ ރަށްތަކާއި ޔަހޫދީންނަށް އަމާޒުކޮށް ޙަމާސުން ދީފައިވާ ޙަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެއް ކަމުގައެވެ. އޭނާ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކުން ދީފައިވާ ޙަމަލާގައި މަގުމަތިން ދަތުރު ކުރަމުންދިޔަ އިތުރު މީހަކު ޝަހީދުވެފައިވާ ކަން ލުބްނާނުގެ އޮފިޝަލުން ކަށަވަރު ކޮށްދެއެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ފެށުމާއެކު, ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް, ޙިޒްބުاللهން ވަނީ ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންގެ ރަށްތަކާއި ސިފައިންނަށް ޙަމަލާދޭން ފަށާފައެވެ. މިއީ, ޙަމާސަށް އެހީތެރި ކަން ފޯރުކޮށްދިނުމުގެ ގޮތުން ޙިޒްބުاللهން ދޭ ޙަމަލާތަކެކެވެ. ޙިޒްބުاللهއަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ދަނީ ލުބްނާނުގެ ރަށްތަކަށް ބޮން އަޅަމުންނެވެ.

ޔަހޫދީ ފައުޖުގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނުގެ ދެކުނުގެ ރަށްތަކަށެވެ. ނަމަވެސް, ޖަނަވަރީ 2 ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއްދީ, ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައެވެ.

ޙިޒްބުاللهއާއި ޔަހޫދީ ސިފައިންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ 200 އެއްހާ މެންބަރުން ޝަހީދު ކޮށްލާފައެވެ. އަދި, ލުބްނާނުގެ ޢާންމުންގެ ތެރެއިން 50 މީހުން ޝަހީދު ކޮށްލާފައެވެ. މި ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ފައުޖުގެ ޑަޒަނެއްހާ ސިފައިންނާއި ޔަހޫދީންގެ ހަ މީހުން މަރައިލާފައެވެ.