ކުޅިވަރު

މާދަމާ މޯހަން ބަގާންއާއެކު ކުޅޭ މެޗް ތަފާތު ވާނެ - ސުޒޭން


މޯހަން ބަގާންއާއެކު އިންޑިއާގައި ކުޅުނު މެޗާ މާދަމާ ކުޅޭ މެޗް ވަރަށް ތަފާތު ވާނެ ކަމަށާއި، އުއްމީދަކީ މެޗުން މޮޅުވެ ދެވަނަ ބުރުގެ ފުރުސަތު ބޮޑު ކުރުން ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. 

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ރަށުން ބޭރުގައި ކުޅުނު މެޗާ އަޅާބަލާއިރު މާދަމާގެ މެޗްގައި މާޒިއާއަށް ދެ އެޑްވާންޓޭޖެއް އެބައޮތް ކަމަށާއި މޯހަން ބަގާންއާއެކު ފުރަތަމަ ކުޅުނު މެޗަކީ ސީޒަންގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗް ކަމަށެވެ.

" ލީގު މެޗަކާ ޗެރިޓީ ޝީލްޑް މެޗް އަދި އޭއެފްސީ ކަޕްގައި ކުޅުނު މެޗްތަކުގެ ތަޖުރިބާއަށް ބަލާފަ މާދަމާގެ މެޗް ތަފާތު ވާނެ. ނަތީޖާވެސް ތަފާތުން ކައިރި. މާޒިޔާއަށް ދެވަނަ ބުރުގެ ފުރުސަތު ލިބެން އޮތީ މިމެޗް ކާމިޔާބުކޮށްގެން ކަމަށްވާތީ މެޗްގެ މުހިންމުކަން ވަރަށް ބޮޑު" ސުޒޭން ބުންޏެވެ.

މޯހަން ބަގާންގެ ކޯޗް ސަންޖޯއީ ސެން ބުނީ މިމެޗަކީ ފަސޭހަވާނެ މެޗެއް ނޫން ކަމަށާއި، މޯހަން ބަގާންއަށްވެސް މެޗްގެ މުހިންމު ކަން ބޮޑު ކަމަށެވެ. ދެވަނަ ބުރުގެ ޖާގަ ޔަޤީންވެފައިވީ ނަމަވެސް މިމެޗުން މޮޅުވެއްޖެ ނަމަ އެއްވަނައިގައި ދެވަނަ ބުރުގެ ފުރުސަތު ލިބޭނެ ކަމަށް މޮހަން ބަގާންގެ ކޯޗް ބުންޏެވެ.

"މޯހަން ބަގާންއަށްވެސް މެޗް މުހިންމު. ހަމަ މާޒިޔާއަށްވެސް މާ މުހިންމު ވާނެ. މާޒިޔާއަކީ ވަރުގަދަ ކްލަބެއް. އަހަރެން މަސައްކަތް ކުރާނީ މެޗް ކާމިޔާބުކޮށް އެއްވަނައިގައި ދެވަނަ ބުރަށް ދާން" މޯހަން ބަގާންގެ ކޯޗް ސަންޖޯއި ސެން ބުންޏެވެ.

އޭއެފްސީ ކަޕްގައި މިދެޓީމް އިންޑިއާގައި ކުޅުނު މެޗް ފަސްލަނޑު ދެލަނޑުން ކާމިޔާބުކުރީ މޯހަން ބަގާންއެވެ. މާދަމާ ހަވީރު ފަށާ މާޒިޔާ އަދި މޯހަން ބަގާން ވާދަކުރާ މެޗް ޓީވީއެމްއާއި ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.