ސޮމާލިޔާގެ ކަނޑުފޭރޭ ގުރޫޕަކުން ފޭރިގަނެފައިވާ އާގުބޯޓަކާއި, އޭގައި ރަހީނު ކޮށްފައި ތިބި 17 ފަޅުވެރިން ސަލާމަތް ކޮށްފިއެވެ. އެ މީހުން ސަލާމަތް ކޮށްފައި ވަނީ އިންޑިޔާގެ އަސްކަރިއްޔާގެ ކޮމާންޑޯން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ކަނޑުފޭރޭ ގުރޫޕުން ރަހީނު ކޮށްފައިވާ މީހުުންނާއި ފޭރިގަނެފައިވާ އުޅަނދު ސަލާމަތް ކޮށްފައިވާ ކަން ހާމަ ކޮށްފައި ވަނީ އިންޑިޔާގެ ކަނޑު ސިފައިންނެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ, ކަނޑުފޭރޭ ގުރޫޕުން ފޭރިގަނެފައި ވަނީ މޯލްޓާގެ ދިދަ ޖަހައިގެން ދަތުރު ކުރާ 'އެމްވީ ރުއޭން'ގެ ނަން ކިޔާ އުޅަނދެއް ކަމުގައެވެ. އަދި, އިންޑިޔާގެ އަސްކަރިއްޔާގެ ކޮމާންޑޯން ހިންގި އޮޕަރޭޝަނުގައި, އެ ބޯޓުގައި ތިބި 'ޕައިރެޓު'ން ނުވަތަ ކަނޑުފޭރޭ މީހުންގެ 35 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި, ބޯޓުގައި ޤަވާޢިދާ ޚިލާފު ހަތިޔާރު ފަދަ ތަކެތި ހުރިތޯ ބެލުމަށް އެ އުޅަނދު ބަލައިފާސްކުރަމުންދާ ކަމުގައި ވެސް އިންޑިޔާގެ އަސްކަރިއްޔާއިން ބުންޏެވެ.
ސޮމާލިޔާގެ ކަނޑުފޭރޭ ގުރޫޕުން ރުއޭނަށް އަރައި އެ އުޅަނދު ރަހީނު ކޮށްފައި ވަނީ ހުސްވި އަހަރުއެވެ. އެ އުޅަނދު ބޭނުން ކޮށްގެން, ކަނޑުފޭރޭ މީހުންގެ ގުރޫޕުން އެ ފަދަ އިތުރު ކުށްތަކެއް ހިންގާފައިވާ ކަމުގައި ވިލާތުގެ އިއްތިހާދުގެ ކަނޑުގެ ސިފައިން ބުނެއެވެ. މި ގޮތުން, އެ އުޅަނދުގައި ތިބި ކަނޑުފޭރޭ މީހުން, ބަންގްލަދޭޝްގެ ދިދަ ޖެހި އާގުބޯޓެއް ރަހީނު ކޮށްފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.
2017 ވަނަ އަހަރާ ޖެހެންދެން ސޮމާލިޔާގެ ކަނޑުފޭރޭ މީހުން ދިޔައީ, އެ ޤައުމުގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އުޅަނދުފަހަރަށް ނުރައްކާ ކުރަމުންނެވެ. އެ ގުރޫޕުތަކުން ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ފޭރިގަނެފައިވާއިރު, ބޭރު ޤައުމުތަކުން ވަނީ މި ކަމާ ދެކޮޅަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށައި, އެ ކަން ހުއްޓުވާފައެވެ. ރުއޭންއަކީ 2017 ވަނަ އަހަރަށް ފަހު ސޮމާލިޔާގެ ކަނޑުފޭރޭ މީހުން ކާމިޔާބު ކަމާ އެކު އަތްގަދަ ކުރި ފުރަތަމަ އާގުބޯޓެވެ.
ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ އަމަލުތައް ހުއްޓުވަން އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި ގޮތުން, ރަތް ކަނޑުގެ އިރުމަތީ ސަރަޙައްދުގައި އިންޑިޔާގެ ކަނޑުގެ ސިފައިންގެ ޑަޒަނެއްހާ މަނަވަރު އަބަދު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ހުސްވި އަހަރުގެ ތެރޭގައި ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ގުރޫޕުތަކުން ހިންގާ އަމަލުތައް އިތުރު ކޮށްފައިވާ ކަމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ބުނެއެވެ. މި ގޮތުން, 2023 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 17 ހާދިސާއެއް ރެކޯޑު ކުރެވިފައިވާ ކަމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ހާމަ ކުރެއެވެ. އޭގެ ތެރޭގައި ފޭރުމާއި, ފޭރެން މަސައްކަތް ކުރުން ފަދަ ހާދިސާތައް ހިމެނެއެވެ.