ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން, އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި, ރައީސް ކަމުގެ މަޤާމުގެ އިތުރު ދައުރެއް ކަށަވަރު ކުރައްވައިފިއެވެ. ރަޝިޔާގެ އިންތިޚާބީ ކޮމިޝަނާއި ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ނަގާފައިވާ އެގްޒިޓް ޕޯލްތަކުން ވެސް ފެންނަނީ ޕުޓިން ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ މަންޒަރެވެ.
ރަޝިޔާގެ އިންތިޚާބީ ކޮމިޝަނުން ބުނީ, ވޯޓުގެ 60 އިންސައްތަ ގުނައި ނިމިފައިވާ ކަމަށާއި, އެ ނަތީޖާއިން ޕުޓިން 87 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައިވާ ކަމުގައެވެ. އަދި, ޕަބްލިކް އޮޕީނިޔަން ފައުންޑޭޝަނުން ނަގާފައިވާ އެގްޒިޓް ޕޯލްތަކުން ފެންނަ ގޮތުގައި ޕުޓިން ވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެއިން 87.8 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. މީގެ އިތުރުން, ރަޝިޔަން ޕަބްލިކް އޮޕީނިޔަން ރީސަރޗް ސެންޓަރުން ނަގާފައިވާ އެގްޒިޓް ޕޯލުން ވެސް ޕުޓިން ވަނީ 87 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައެވެ.
"އަޅުގަނޑުމެންނަށް ބިރުދައްކައި, އަޅުގަނޑުމެން އަޅުވެތި ކުރަން ބަޔަކު ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް, މަސައްކަތް ކުރި ނަމަވެސް, އަޅުގަނޑުމެންގެ ޟަމީރު ބަދަލެއް ނުކުރެވޭނެ. އެއީ, ތާރީޚަށް ބެލި ނަމަވެސް އެކަކަށް ވެސް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫން. މިއަދު ވެސް އެ ކަމެއް ނުކުރެވޭނެ. ކުރިއަށް އޮތް ތަނުގައި އެ ކަން ކާމިޔާބެއް ނުވާނެ،" ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.
މިއީ, ކުރީގެ ރޫސީ ވިލާތް ރޫޅުމަށް ފަހު ރަޝިޔާގައި ބޭއްވި އިންތިޚާބެއްގައި މިހާ ބޮޑު އަޣުލަބިއްޔަތަކުން ކެނޑިޑޭޓަކު ކުރިއެރުން ހޯދާފައިވާ ފުރަތަމަ ފަހަރެެވެ. ހުޅަނގާ ދެކޮޅަށް ޕުޓިން ތެެދުވެ ވަޑައިގަތުމާއި, ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފަށާފައިވާ ހަނގުރާމައަށް ރަޝިޔާގެ އާބާދީގެ ބޮޑު އިންސައްތައެއް ތާޢީދު ކުރާ ކަން, މި ނަތީޖާއިން ދޭހަ ކޮށްދޭ ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.
މި ނަތީޖާއާ އެކު އުމުރުން 71 އަހަރުގެ ޕުޓިން މި ވަނީ ހަ އަހަރުގެ އިތުރު ދައުރެއް ކާމިޔާބު ކުރައްވާފައެވެ. ކުރިއަށް އޮތް ދައުރު ފުރިހަމަ ކުރެއްވުމުން, ފާއިތުވި 200 ވަރަކަށް އަހަރު ރަޝިޔާގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރައްވާފައިވާ ލީޑަރުގެ މަޤާމު ޕުޓިންއަށް ލިބިވަޑައިގަންނަވާނެއެވެ.
ނަމަވެސް, ހުޅަނގުން ވަނީ ރަޝިޔާގެ އިންތިޚާބީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ސިފަ ކޮށްފައެވެ. އެމެރިކާއާއި, އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ބުނީ, ޕުޓިން އިންތިޚާބު ބާއްވަވާފައި ވަނީ އޭނާއާ ދެކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމަށް ފަހު ކަމުގައެވެ. އަދި, ޕުޓިންގެ ސަރުކާރާ ދެކޮޅު މީޑިޔާތަކުގެ އަޑު ކަނޑުވައިލާފައިވާ ކަމަށް އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ.