ކުޅިވަރު

ބަޔާންއާ ދެކޮޅަށް އެތްލެޓިކޯ ނުކުންނަނީ ފުރިހަމަ އިތުބާރާއެކު


ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބެޔާރންއާ ދެކޮޅަށް ނުކުންނައިރު އެތްލެޓިކޯ މެޑްރިޑް އޮތީ ވަރަށް އިތުބާރާއެކު ގައެވެ. ސެމީގެ ފުރަތަމަ ލެގު އެތްލެޓިކޯގެ ދަނޑުކަމަށްވާ ވިންސެންޓޭ ކަލްޑަރޮން ސްޓޭޑިއަމްގައި ކުޅޭއިރު، އެ ޓީމުގެ މިޑްފީލްޑަރ ސައުލް ނިގުއޭޒް ބުނެފައިވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގާއި ލަ ލީގާވެސް ހޯދިދާނެކަމަށެވެ. ޗެމްޕިއަންސް ލީގުގެ ސެމީޔަށް އެތްލެޓިކޯ ދަތުރުކުރީ ބާސެލޯނާގެ މައްޗަށް ކުރިހޯދައިގެންކަމަށްވާއިރު ލަ ލިގާގައި އެތްލެޓިކޯ އޮތީ ޕޮއިންޓުގެ ގޮތުން ބާސެލޯނާޔާ އެއްވަރެއްގަ އެވެ.

ނިގުއޭޒް ބުނީ ކޮންމެ މެޗަކަށްވެސް އެތްލެޓިކޯ ނުކުންނަނީ ފައިނަލެއްކަމަށް ދެކިގެންކަމަށާ ދެން އޮތް ފައިނަލަކީ ބެޔާންއާ ދެކޮޅަށް ކުޅޭ މެޗްކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަށާ ލަ ލީގާޔަށްވެސް އެތްލެޓިކޯ މަސައްކަތްކުރާނޭކަމަށާ އެތްލެޓިކޯ މިހާރު އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައިކަމަށެވެ. "އަހަރުމެން މިހާރު މި އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އަހަރުމެންނަށް ޗެމްޕިއަންސް ލީގާއި ލަ ލީގާވެސް އުފުލާލެވިދާނެ. އަހަރުމެންނަށް އިނގޭ ބެޔާން މިއުނިކް މެޗް ވަރަށް މުހިންމުކަން. އެކަމަކު އަހަރުމެން ލަ ލީގާޔަށް ކުރާ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާންނާނެ" ކަމަށް ނިގުއޭން ބުންޏެވެ.

އެތްލެޓިކޯގެ ފަހަތަށް ކުޅޭ ފިލިޕޭ ލުއިސް ބުނީ އެ ޓިމުގެ ކާމިޔާބީގެ އަސްލަކީ އެންމެ އަކުގައި ކުރާ މަސައްކަތްކަމަށެވެ.

"އަހަރުމެންގެ އެންމެ ބޮޑު ބާރަކީ ހުރިހާ ކުޅުންތެރިންވެސް ޓިމެއްްގެ ގޮތުގައި ކުޅެން މަސައްކަތްކުރާކަން. އެއްވެސް ކުޅުންތެރިން ވަކިން ކުޅެން ނުވިސްނާ. އަހަރުމެންނަށް ރަނގަޅު ވަގުތާއި ގޯސް ވަގުތުތަކެއްވެސް ގޮއްސި. އެކަމަކު އަހަރުމެން މިހާރު މިއޮތީ ހަމަޔަކަށް އެޅިފައިކަމަށް ގަބޫލް ކުރެވޭ" ކުރިން ޗެލްސީއަށްވެސް ކުޅުން ފިލިޕޭ ލުއިސް ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޗްމެޕިއަންސް ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓިމްތަކުގެ ތެރޭގައި އެތްލެޓިކޯ މެޑްރިޑާއި، ބެޔާން މިއުނިކް ހިމެނެ އެވެ. ވޭތެވުދިޔަ ތިން ސީޒަނުގެ ތެރެއިން ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި އެތްލެޓިކޯ ވާދަކޮށްފައިވާއިރު ބެޔާން މިއުނިކް ވަނީ އެންމެ ފަހުގެ ފަސް ސީޒަނުގައިވެސް ޗެމްޕިއަންސް ލިގުގެ ފަހު ހަތަރެއްގައި ވާދަކޮށްފަ އެވެ.