ޚަބަރު

ފިޔަވަޅުތައް އަޅަން ފަށާނީ، ޕާކް ކުރާނެ ޖާގަ ދެއްކުމަށްފަހު: ވަޒީރު


  • ވެހިކަލްތަކުގައި ސްޓިކަރ ޖެހުން މަޑުޖައްސާލާފައިވަނީ މިދިޔަ ޖެނުއަރީމަހު

  • މިހާރުވަނީ ގިނަ ދުވަސްވީ ވެހިކަލްތައް މަގުތަކުން ނަގަން ފަށާފައި

  • ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ޕާކު ކުރާނެ ޖާގަ ދައްކާނެ ކަމަށް

ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށްޓަވާނީ ޕާކު ކުރާނެ ޖާގަތައް ޤާއިމްކުރުމަށްފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންެވެ.

ޤަވާޢިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކަރ ޖެހުން މަޑުޖައްސާލާފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ. މާލޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލާފައިވާއިރު، ޤަވާޢިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކާ މެދު ސަރުކާރުން އަމަލުކުރައްވަން ނިންމަވާފައިވާ ގޮތާއި ގުޅޭގޮތުން މަޖިލިސް މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސް ވެފައިހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށެވެ. މިމަސައްކަތާއެކުވެސް މާލޭގެ މަގުތަކުގެ ބާރުބޮޑުވުމަށް ލުޔެއް ލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޓްރެފިކް މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނީ 2 ކަމެއް ހާސިލްކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޕާކިންގ ޒޯންތައް ދެއްކޭ ހިސާބުން ކުރިންވެސް އަޅުއްވަމުން ގެންދެވި ފިޔަވަޅުތައް އަޅުއްވަން ފަށްޓަވާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

"އެއް ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އެ އާދަކާދަ އަށަގަނެވިގެން، ޕާކްކުރުން މަނާ ތަންތަނުގައި ޕާކް ނުކުރަން، ދެވަނަ ކަމަކަށް އަޅުގަނޑު ހަމަ ގަބޫލުކުރަން، ސައިކަލްތައްވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ، ވިސްނުމަކީ ޕާކިން ސްޓްރަކްޗަރތައް އަޅާ ނިމި ޕާކިން ޒޯންތައް ދެއްކޭ ހިސާބުން ފެށިގެން، ކުރިންވެސް އެންފޯސްމަންޓުން އަޅަމުން އައި ހުރިހާ ފިޔަވަޅުތަކެއް އެޅުން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ މިހާރު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ މާލޭ މަގު މަތިން ނަގާފައެވެ.

ފުލުހުން ދަނީ މާލެ ސިޓީގެ ބައެއް ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން އޮފީސް ޢިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކުރުމުން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.