ޚަބަރު

ރަޝިޔާއިން ކީވަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފި


ޔޫކްރެއިންގެ ވެރިރަށް ކީވާއި, އެ ރަށާ އިންވެގެންވާ ސަރަޙައްދުތަކަށް ރަޝިޔާއިން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. މިއީ, ފާއިތުވި މަހެއްހާ ތެރޭގައި ކީވަށް ދީފައިވާ މި ފަދަ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ. ރަޝިޔާއިން ކީވަށް ޙަމަލާތަކެއް ދީފައި މި ވަނީ 44 ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

މި ޙަމަލާތަކުގައި 17 މީހަކު ޒަޚަމުވިއިރު, ސްކޫލަކާއި, ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި, ސިނާޢީ މަސައްކަތް ކުރާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, ރަޝިޔާއިން ކީވަށް ޙަމަލާދޭން ފޮނުވައިލި ގިނަ ޢަދަދެއްގެ މިސައިލްތަކެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި, ޢިމާރާތްތަކަށް ގެއްލުންވީ, މިސައިލްތައް ވެއްޓުމުގެ ސަބަބުން ކަމުގައެވެ.

"ކޮންމެ ދުވަހަކާއި ރެއެއްގައި މި ފަަދަ ނާމާން ކަމާ ކުރިމަތިލާން ޖެހޭ. ދުނިޔެ އެއްބައިވަންތަވެ, ޔޫކްރެއިނަށް ވައިގެ ދިފާޢީ ނިޒާމު ފޯރުކޮށްދީފި ނަމަ, މި ބިރުވެރި ކަމުން ސަލާމަތްވެވޭނެ. ޔޫކްރެއިނަށް މި ވަގުތު ދިފާޢު ބޭނުންވޭ،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

ކީވުން ބުނީ, ރަޝިޔާގެ ޙަމަލާތަކުގައި އެ ރަށުން 13 މީހުން ޒަޚަމުވި ކަމަށާއި, އެ ރަށާ އިންވެގެންވާ ސަރަޙައްދުތަކުން އިތުރު ހަތަރު މީހަކު ޒަޚަމުވި ކަމުގައެވެ. އަދި, ހަސްފަތާލުގައި ފަރުވާ ދޭން ޖެހުނު މީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހިމެނޭ ކަމުގައި ވެސް ކީވުގެ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒު ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.

ރަޝިޔާގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު, އޭގެ ތެރޭގައި ތުއްތު ކުދިންނަށް ކިޔަވައިދޭ ކިންޑަރގާޓްން އަދި ސްކޫލަކާއި, ޢާންމުންގެ ގެދޮރާއި, ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތައް ހިމެނެއެވެ. ކީވުން ބުނީ, ޢާންމުން ދިރިއުޅޭ 40 ޢިމާރާތަކަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމުގައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ, މި ހިނގާ ހަފުތާގެ ކުރީކޮޅު އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުން ޔޫކްރެއިނުން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. އޭނާ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ އިންތިޚާބު ކާމިޔާބު ކުރައްވައި, ފަސްވަނަ ދައުރަކަށް ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިނުން ބުނީ, މި ހަނގުރާމައިގެ ފުރަތަމަ ދެ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް 8,000 މިސަައިލް ޙަމަލާދީ, ޢާންމުންގެ އެތަކެއް ސަތޭކަ މީހުން މަރައިލާފައިވާ ކަމުގައެވެ. މި ހަނގުރާމައިގައި ޔޫކްރެއިންގެ ގިނަ ރަށްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ.

މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. އަދި, ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިިޔާއަކީ ރަޝިޔާގެ ފައުޖުން 2014 ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.