އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ފެށި ފަހުން ހުޅަނގު އައްސޭރިން ހަައްޔަރު ކޮށްފައިވާ މީހުންގެ ޢަދަދު 7,350އަށްވުރެ މައްޗަށް އުފުލިއްޖެއެވެ. މި ކަން ހާމަ ކޮށްފައި ވަނީ ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތްކޮށްދޭން ވަކާލާތު ކުރާ ޖަމުޢިއްޔާ, އަލް-ޟަމީރުންނެވެ.
54 އަހަރުގެ ހާޝިމް މަޠަރު (އަސްލު ނަމެއް ނޫން) އަކީ ހުޅަނގު އައްސޭރީގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ޔަހޫދީ ފައުޖުން ހައްޔަރު ކޮށްފައިވާ މީހެކެވެ. އޭނާ ބުނީ, 10 ދުވަސް ވަންދެން ކުޑަ ގޮޅިއެއްގައި އޭނާ ބަންދުކޮށްފައި ބައިންދާފައިވާ ކަމުގައެވެ. އަދި, އޭނާއާ އެކު ގޮޅީގައި ގިނަ ޢަދަދެއްގެ ބަޔަކު ތިބި ކަމުގައެވެ. އޭނާ ބުނީ, ކޮންމެ ދުވަހަކު ވެސް ޔަހޫދީ ސިފައިން އޭނާއަށް ޖިސްމާނީ އަނިޔާތައް ދީފައިވާ ކަމުގައެވެ.
"ޔަހޫދީ ސިފައިން ވަނީ ބައެއް މީހުންގެ ކަނދުރާ ބިންދައިލާފައި. ބައެއް މީހުންނަށް ލިބިފައިވާ ޒަޚަމުތަކުން ލޭމަނާ ނުވޭ. ވަލު ޖަނަވާރާ މެދު މީހުން އަމަލު ނުކުރާނެ ފަދަ ދަށު ފެންވަރަކަށް އެ މީހުން [ޔަހޫދީ ސިފައިން] އަޅުގަނޑުމެނާ މެދު އަމަލު ކުރީ،" މަޠަރު ބުންޏެވެ.
އަލް-ޟަމީރުން ބުނީ, ޔަހޫދީ ފައުޖުން ހައްުޔަރުކޮށް, ލާއިންސާނީ އަނިޔާތައް ދިނުމަށް ފަހު ބައެއް މީހުން ދޫކޮށްލާފައިވާ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ޖަލުތަކުގައި އަދިވެސް 9,100އެއްހާ މީހުން ތިބި ކަމަށާއި, ޔަހޫދީ ފައުޖުން އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. އޮކްޓޫބަރު 7ގެ ކުރިން ޔަހޫދީންގެ ޖަލުތަކުގައި ތިބީ 5,200އެއްހާ މީހުންނެވެ.
ނަމަވެސް, މީގެ ތެރޭގައި ޣައްޒާއިން ހައްޔަރު ކޮށްފައިވާ މީހުންނާއި ކުޑަކުދިންނެއް ނުހިމެނެއެވެ. ހައްޔަރު ކުރުމަށް ފަހު, ޔަހޫދީ ފައުޖުން އެ މީހުން ޖަލުތަކަށް ގެންގޮސްފައެއް ނުވެއެވެ. އެ މީހުން ލާއިންސާނީ އަނިޔާތައް ދީފައި ވަނީ އެ މީހުންގެ ގެދޮރުގައެވެ. ނުވަތަ, އެ މީހުން ހައްޔަރަށް ގެންދިޔަ އިރު ތިބި ތަނެއްގައެވެ.
ފަލަސްޠީނުގެ މުސްލިމުން, އެއްވެސް ކުށަކާ ނުލައި ހައްޔަރަށް ގެންދިއުމުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން އެ މީހުންނަށް އަނިޔާތައް ދެމުންދާ ކަމުގައި އަލް-ޟަމީރުން ބުނެއެވެ. މި ގޮތުން, ހައްުޔަރު ކުރުމަށް ފަހު, ޖަލަށް ގެންދާ މަގުމަތީގައި ވެސް ބޮޑެތި އަނިޔާތައް ދީފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. އަދި, ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ގެދޮރަށް ރޭޑު ޖެހުމަށް ފަހު, އެ ގެދޮރުގައި ދިރިއުޅޭ ހުރިހާ އެންމެން ބަނދެ, އަނިޔާ ކުރަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ބައެއް ފަހަރު, އެއް ޢާއިލާއެއްގެ ހުރިހާ މެންބަރުން ރަހީނުކޮށް, ޔަހޫދީ ފައުޖުން ހޯދަން ބޭނުން މަޢުލޫމާތެއް ނުވަތަ މީހަކު ހައްޔަރު ކުރެވެންދެން, އެ ޢާއިލާއެއްގެ މެންބަރުންނަށް ލާއިންސާނީ, އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަނިޔާތައް ދެމުންދާ ކަމުގައި އަލް-ޟަމީރުން ބުނެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ބައެއް މީހުންގެ ލަދުވެތި ގުނަވަނަށް ވެސް އަނިޔާ ކޮށްފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.
ޔަހޫދީންގެ ޖަލުތަކުގައި ވެސް ފަލަސްޠީނުގެ މުސްލިމުން ތަޙައްމުލު ކުރަން ޖައްސާފައި ވަނީ ނިކަމެތި ކަމެވެ. އެ މީހުން ބަންދުކޮށްފައި ތިބޭ ގޮޅިތަކުގައި ކަރަންޓުގެ ޚިދުމަތް ނުހުންނަ އިރު, އެ ތަންތަނުން ސާފު ބޯފެން ލިބެން ނުހުންނަ ކަމުގައި, ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ ބައެއް މީހުން ބުންޏެވެ. އަދި, ރެޑް ކްރޮސްގެ މެންބަރުންނާ ބައްދަލު ކުރުމުން މަހުރޫމު ކޮށް, ޞިއްޙީ ފަރުވާ ފޯރުކޮށް ނުދޭ ކަމުގައި ވެސް އެ މީހުން ބުނެއެވެ.
"މި ފަދަ އަނިޔާތަކަށް ކެތް ނުކުރެވިގެން ހުޅަނގު އައްސޭރިން ހައްޔަރު ކޮށްފައިވާ ދިހަ މީހުން ވަނީ ޝަހީދުވެފައި. މިއީ, މިހާ ކުރު މުއްދަތަކާ އަޅައިބަލާއިރު ވަރަށް ބޮޑު ޢަދަދެއް،" އަލް-ޟަމީރުން ބުންޏެވެ. ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި 9,100އެއްހާ މީހުންގެ ތެރެއިން 3,050އެއްހާ މީހުން ތިބީ, ޔަހޫދީން ސިފަ ކުރާ "އިދާރީ ހައްޔަރު"ގައެވެ.
މިއީ, "ވާނުވާ ބަންދު" ފަދަ ހާލަތެކެވެ. މި ހާލަތުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް, އެ މީހުން ހައްުޔަރު ކޮށްފައިވާ ސަބަބު ސާފުކޮށްދީފައެއް ނުވެއެވެ. އަދި, އެ މީހުން ދޫކޮށްލާނެ ދުވަހެއް ވެސް, އަދި ދަޢުވާ އުފުލާނު ދުވަހެއް ވެސް ސާފު ކޮށްދީފަައެއް ނުވެއެވެ. އަދި, އެ މީހުންގެ ހާލަތާ ބެހޭ މަޢުލޫމާތު, އެ މީހުންގެ ޢާއިލާތަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ސިއްރު ކޮށްފައެވެ. މިއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކުން މަނާ ކޮށްފައިވާ ކުށެކެވެ.
އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,988އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 74,188އަށް އަރައެވެ.