ޚަބަރު

ކުށްތަކުގައި ބަންދުކުރާ މީހުން ދޫކޮށްލަނީ ސަރުކާރުން ނޫންކަން އެނގުން މުހިއްމު: އިޙްސާން


  • ކުށްކުށުގައި ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތް ނިންމާނީ ކޯޓުން

  • އެފަދަ މީހުން ދޫކޮށްލަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރަކުން ނޫންކަން އެނގުން މުހިންމު

ކުށްކުށުގައި ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތް ނިންމަނީ ކޯޓުތަކުން ކަމަށާއި، އެއީ ސަރުކާރުން ކުރާ ކަމެއް ނޫންކަން ރައްޔިތުންނަށް އެނގުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒިރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިމިވަނީ މެދުތެރޭގެ އަތޮޅެއްގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މިދިޔަ އަހަރުގެ ތެރޭ ޝަރީޢަތް ނިމެންދެން ހައްޔަރުކުރި މީހަކު ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓަކުން ނިންމި ނިންމުމާ ގުޅިގެން، އޭނާ ދޫކޮށްލަން ނިންމީ ސަރުކާރުންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ކުށްކުށުގައި ތަހުގީގު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުން ދޫކޮށްލަނީ ކޯޓުތަކުން ކަމަށާއި، އެ ފަރާތްތައް ދޫކޮށްލަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރަކުން ނޫންކަން ރައްޔިތުންނަށް އެނގުން މުހިންމު ކަމަށެވެ.

ވަޒީރު ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން ކުޑަ ކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާގައި ބަންދުގައިހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގި ގޮތް ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އަދި އެއީ ސަރުކާރުން އެއްވެސް ވަރަކަށް ނިންމާ ނިންމުމެއް ނޫންކަން ވަޒީރު ސާފުކޮށްދެއްވިއެވެ. ވަޒީރު ވިދާޅުވީ ކޯޓުގެ އެ ނިންމުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރާނެ ކަމަށެވެ.

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި އެފަދަ މައްސަލަ ތަކުގައި ޙުކުމް ކޮށްފައިވާ މީހުންނަށް ދޫކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ވިދަޅުވެފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ހުރި ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ވިދާޅުވީ މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މާދަމާ ހައި ކޯޓަށް އިސްތިއުނާފުކުރުމަށް ހުށައަޅުއްވާނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މެދުރާއްޖެ ތެރޭގެ އަތޮޅެއްގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މިދިޔަ އަހަރުގެ ތެރޭ ހައްޔަރުކޮށްފައިވަނީ 69 އަހަރުގެ ފިރިހެނެކެވެ.