ޚަބަރު

މިދިޔަ 5 އަހަރުތެރޭ އެޗްއާރުސީއެމުން 2249 މައްސަލައެއް ތަޙުޤީޤުކޮށް ނިންމި


  • މިދިޔަ އަހަރު 393 މައްސަލައެއް ތަޙުޤީޤު ކުރިއަށްގެންދަން ނިންމި

  • 2023 ވަނަ އަހަރު 524 މައްސަލައެއް ތަޙުޤީޤުކޮށް ނިންމާފައިވޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މިދިޔަ 5 އަހަރުތެރޭ 2249 މައްސަލައެއް ތަޙުޤީޤުކޮށް ނިންމާފައިވާކަމަށް އެކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް އެކޮމިޝަނުން ތަޙުޤީޤުކުރުމަށް ނިންމާ މައްސަލަތަކަށްވުރެ ތަޙުޤީޤުކޮށް ނިންމާ މައްސަލަތަކުގެ އަދަދު އިތުރެވެ. އެގޮތުން 2023 ވަނަ އަހަރު 393 މައްސަލައެއް ތަޙުޤީޤު ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، 524 މައްސަލައެއް ވަނީ ތަޙުޤީޤުކޮށް ނިންމާފައެވެ. އަދި 2022 ވަނަ އަހަރު 543 މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާއިރު، 613 މައްސަލައެއް ވަނީ ތަޙުޤީޤުކޮށް ނިންމާފައެވެ.

ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގެ އަދަދު:

2019 ވަނަ އަހަރު 352 މައްސަލަ
2020 ވަނަ އަހަރު 308 މައްސަލަ
2021 ވަނަ އަހަރު 452 މައްސަލަ
2022 ވަނަ އަހަރު 613 މައްސަލަ
2023 ވަނަ އަހަރު 524 މައްސަލަ

2023 ވަނަ އަހަރު އެޗްއާރުސީއެމުން ވަނީ 648 މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޢާންމު ފަރުދުންނާއި ސަރުކާރާއި އަމިއްލަ އިދާރާތަކުން ހުށައަޅާފައިވާ 528 މައްސަލައަކާއި ކޮމިޝަނުން އިސްނަގައިގެން ރަޖިސްޓްރީކުރި 120 މައްސަލައެކެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން އެކި އަހަރު މަތިން ކޮމިޝަނަށް ހުށައެޅި 652 ޝަކުވާއެއް ތަޙުޤީޤުކުރުމާމެދު ގޮތެއް ނިންމާފައިވެއެވެ. މީގެ ތެރެއިން މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ނިންމާފައިވަނީ 393 ޝަކުވާއެކެވެ. 259 ޝަކުވާއެއް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ނުފެންނަކަމަށް ނިންމާފައިވެއެވެ.

ތަޙުޤީޤުކުރުމަށް ނިންމި 393 މައްސަލައިގެ ބައެއް ބާވަތްތައް:

* ޤައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ޞިއްޙީ ހައްޤުގެ 126 މައްސަލަ
* ޓޯޗަރއާ ގުޅުންހުރި 124 މައްސަލަ
* ޤައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ އެހެނިހެން ޙައްޤުތަކުގެ 56 މައްސަލަ
* އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސީ ގޮތުން ލިބިދޭ ޙައްޤުތަކުގެ 25 މައްސަލަ
* ޢާއިލާއާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 16 މައްސަލަ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.