ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށްް މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިޔާގެ މޫސުމީ ބަދަލުތަކާ ބެހޭ އެމްބެސެޑަރ ކްރިސްޓިން ޓިލޭ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުން އޮތީ ޚާރިޖީ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވަނީ މޫސާ ޒަމީރުވަނީ މޫސުމަށް ނާޒުކު ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ފަންޑު ހޯދުމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ފަންޑު ހަމަޖައްސައިދޭ އިންސްޓިޓިޔުޝަންސްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި އިތުރު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.