ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން އަނެއްކާ ވެސް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, އެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނުގެތަކާއި ވަސީލަތްތަކަށެވެ. މި ޙަމަލާތަކުގައި ރަޝިޔާއިން 57 މިސައިލާއި ޑްރޯން ބޭނުން ކޮށްފައިވެއެވެ.
ޔޫކްރެއިންގެ ލްވީވް ސަރަޙައްދުގެ ގަވަރުނަރު މަކްސިމް ކޯޒިޓްސްކީ ވިދާޅުވީ, އެ ސަރަޙައްދުގައި ހުރި އިންޖީނުގެއަކަށް ރަޝިޔާއިން ދެ ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. މި ޙަމަލާތަކުގައި ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ 'ކިންޜާލް' މަރުކާގެ ހައިޕަރސޮނިކް ނުވަތަ އަޑަށްވުރެ ބާރަށް ދަތުރު ކުރާ މިސައިލްތަކެކެވެ. އެއީ, ދިފާޢު ކުރަން ދަތި, ނުރައްކާތެރި މިސައިލެކެވެ.
ޔޫކްރެއިންގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ, ލްވިވް ސަރަޙައްދުގައި ހުރި އިންޖީނުގެއަށް ރަޝިޔާއިން ދިން މިސައިލް ޙަމަލާތަކާ އެކު އެ ތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގައެވެ. އަދި, މި ހާދިސާއާ ގުޅިގެން މުޅި ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ.
ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, ރަޝިޔާގެ 29 މިސައިލްގެ ތެރެއިން 18 މިސައިލެއް ދިފާޢުކޮށް ވައްޓައިލާފައި ވާނެ ކަމުގައެވެ. އަދި, ޙަމަލާތައް ދިނުމަށް ރަޝިޔާއިން ބޭނުން ކުރި 28 ޑްރޯންގެ ތެރެއިން 25 ޑްރޯން ދިފާޢު ކޮށްފައި ވާނެ ކަމުގައެވެ. ހުސްވި ހަފުތާ ބަންދާ ދިމާކޮށް ވެސް ރަޝިޔާއިން ވަނީ ކީވްގެ އިތުރުން ޔޫކްރެއިންގެ މައި ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ވެސް އަމާޒު ކޮށްފައި ވަނީ ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ.
ކީވްގެ އަސްކަރީ އިސް އޮފިޝަލެއް ކަމުގައިވާ ސަރްހީ ޕޮޕްކޯ ވިދާޅުވީ, އެ ރަށަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ބޭނުން ކުރި ގިނަ މިސައިލްތަކާއި ޑްރޯންތައް ދިފާޢު ކޮށްފައި ވާނެ ކަމުގައެވެ. އަދި, ޙަމަލާތަކުގައި އެ ރަށުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައެވެ. ނަމަވެސް, ރަޝިޔާގެ ޙަމަލާތައް ފެށުމާ އެކު, ކީވްގެ ރައްޔިތުން ވަނީ ބިންގަރާސްތަކާއި, ބިމު އަޑީގެ ރޭލު ސްޓޭޝަންތަކުގައި ރައްކާތެރި ކަން ހޯދާފައެވެ.
މިއީ, ރަޝިޔާގައި މި މަހުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް, އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔޫކްރެއިނުން ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމުގައި ބެލެވެއެވެ. ނަމަވެސް, ރަޝިޔާއިން ރަސްމީކޮށް މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޔޫކްރެއިންގެ ލްވީވް ސަރަޙައްދަށް ޙަމަލާ ދޭން ރަޝިޔާއިން ބޭނުން ކުރި ކްރޫޒް މިސައިލެއް ޕޮލެންޑުގެ ވައިގެ ސަރަޙައްދުގެ ތެރެއިން ދަތުރު ކޮށްފައިވާ ކަމުގައި ޕޮލެންޑުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެ މިސައިލް ޕޮލެންޑުގެ އަވަށެއް ކަމުގައިވާ އޮސަރްދޮވާގެ ވައިގެ ސަރަޙައްދުގެ ތެރެއިން ދަތުރު ކޮށްފައިވާ ކަމަށާއި, އެ މިސައިލްގެ ދަތުރު ވަރަށް ގާތުން ބަލަމުން ގޮސްފައިވާނެ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.
ޕޮލެންޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަތްސެކް ގުރުޝެވްސްކީ ވިދާޅުވީ, ރަޝިޔާގެ މިސައިލް އެ ޤައުމުގެ ވައިގެ ސަރަޙައްދުގެ ތެރެއިން 2 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކޮށްފައިވާ ކަމަށާއި, އެއަށް ފަހު ޔޫކްރެއިންގެ ލްވީވަށް އަމާޒު ބަދަލު ކޮށްފައިވާ ކަމުގައެވެ. މި ހާދިސާ ކުށްވެރިިކޮށް ވޮރްސޮވުން ބުނީ, މި ކަމާ މެދު މޮސްކޯއާ ސުވާލު ކުރާނެ ކަމުގައެވެ.
ޕޮލެންޑުގެ ދިފާޢީ ވަޒީރު ވުއަދިސްވާފް ކޮޝިނިއަކް-ކާމޭޝް ވިދާޅުވީ, ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރި ކަން ފޯރުކޮށްދިނުމުގައި ޕޮލެންޑުން ދެމި އޮންނާނެ ކަމުގައެވެ. މި ހާދިސާއާ ގުޅޭ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން އަދިި މިހާތަނަށް ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.