އަހަރުގެ މިހާތަަނަށް ރާއްޖެއަށް 558233 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުކަމުގައިވާ 488371 ފަތުރުވެރިންނާއި އަޅާ ބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިމަހުގެ މިހާތަނަށްވެސް ވަނީ 148000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާރޗުމަހުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބެމުންދާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
* ޖަނަވަރީ - 192385 ފަތުރުވެރިން
* ފެބުރުއަރީ - 217394 ފަތުރުވެރިން
* މާރޗުމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް - 148456 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6186 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.4 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާ - 63647 ފަތުރުވެރިން
ރަޝިއާ - 58038 ފަތުރުވެރިން
އިޓަލީ - 53249 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.
އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ.