އެމެރިކާގެ މެރިލެންޑް ސްޓޭޓްގެ ބޮލްޓިމޯގައި އޮންނަ ޕަޓެޕްސްކޯ ކޯރު ހުރަސް ކުރަން އޮންނަ ބުރިޖެއްގައި އާގުބޯޓަކުން ޖެހި ހިނގި އެކްސިޑެންޓުގައި, ބުރިޖު ހަލާކުވެ, އަށް މީހުން ކޯރުގެ ތެރެއަށް ވެއްޓިއްޖެއެވެ. މި ހާދިސާގައި އާގުބޯޓު ޖެހިފައި ވަނީ ފްރާންސިސް ސްކޮޓް ކީ ބުރިޖުގައެވެ. އާގުބޯޓު ޖެހިފައި ވަނީ ބުރިޖުގެ ތަނބެއްގައެވެ. އެއާ އެކު, ބުރިޖުގެ ބައިތަކާ އެކު, ބުރުޖު މަތީގައި ތިބި މީހުންނާއި, ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ވަނީ ކޯރުގެ ތެރެއަށް ވެއްޓިފައެވެ.
މެރިލެންޑުގެ ގަވަރުނަރު ވެސް މޯ ވިދާޅުވީ, ކޯރުގެ ތެރެއަށް ވެއްޓުނު އަށް މީހުންގެ ތެރެއިން ދެ މީހަކު ސަލާމަތް ކޮށްގެން ނަގާފައިވާ ކަމުގައެވެ. އަދި, އިތުރު ހަ މީހަކު އަދިވެސް ފެނިފައި ނުވާ ކަމަށާއި, އެ މީހުން ހޯދުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. ސަލާމަތް ކޮށްގެން ނަގާފައިވާ އެކެއްގެ ހާލު ސީރިޔަސް ކަމަށާއި, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އެ މީހާއަށް ފަރުވާ ދެމުންދާ ކަމުގައި ވެސް މޯ ވިދާޅުވިއެވެ.
މި ހާދިސާއާ އެކު, އެމެރިކާގެ އިރުމަތީ ބިތުގައި އޮންނަ އެންމެ ބޮޑު އެއް ބަނދަރު ވަނީ ބަންދު ކުރަން ޖެހިފައެވެ. އަދި, ޕަޓެޕްސްކޯ ކޯރުގެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފައެެވެ. މި ހާދިސާގައި ބުރިޖުގެ 2.57 ކިލޯމީޓަރުގެ ބަޔެއް ވަނީ އާގުބޯޓު މައްޗަށާއި ކޯރުގެ ތެރެއަށް ވެއްޓިފައެވެ. މި ހާދިސާ ހިނގާފައި ވަނީ މާރިޗު 26 ވަނަ ދުވަހުގެ ދަންވަރު 1:30 ހާއިރެވެ.
އާގުބޯޓު ބުރިޖުގައި ޖެހެން މެދުވެރިވީ, ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ބޯޓުގެ އިންޖީނު ހުއްޓުމާ އެކު, ބޯޓުގެ ކެޕްޓަން ވަނީ ކަމާ ގުޅޭ އިދާރާތަކާ އެ މަޢުލޫމާތު ވަގުތުން ހިއްސާކޮށްފައެވެ. އަދި, ދަތުރުފަތުރާ ބެހޭ އިދާރާތަކާއި ފުލުހުން ގުޅިގެން ބުރިޖު ވަގުތުން ބަންދު ކުރިއެވެ. އާގުބޯޓު ބުރިޖުގައި ޖެހުނު ވަގުތު, ބުރިޖުގެ މަތީގައި ތިބީ, އެ ތަނުގެ މަރާމާތުތަކެއް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔެކެވެ.
މޯ ވިދާޅުވީ, މި ހާދިސާގައި ވެއްޓިފައިވާ ބުރިޖުގައި އެއްވެސް ޢުމްރަނީ މައްސަލައެއް ހުރި ކަމަށް ނުބެލެވޭ ކަމަށާއި, މި ހާދިސާއާއި އެއްވެސް ކުށުގެ އަމަލަކާ ގުޅުމެއް އޮތް ކަމުގެ ހެއްކެއް މި ވަގުތު ފެންނަން ނެތް ކަމުގައެވެ. މެރިލެންޑުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޕޯލް ވީޑެފެލްޑް ވިދާޅުވީ, ބުރިޖުގައި އެ ވަގުތު ހުރި އެއްގަމު އުޅަނދުތައް ވެއްޓިފައި ވަނީ 50 ފޫޓު ފުން ސަރަޙައްދަކަށް ކަމުގައެވެ.
ބުރިޖުގައި ޖެހިފައި ވަނީ 'ޑާލީ'ގެ ނަން ދީފައިވާ 948 ފޫޓުގެ ދިގު އާގުބޯޓެކެވެ. އެއީ, ތިން ފުޓުބޯޅަ ދަނޑު ހާ ދިގު ބޯޓެކެވެ. އެ އުޅަނދު އޮޕަރޭޓް ކުރާ ސިންގަޕޫރުގެ ސައިނަރޖީ މެރިން ކުންފުނިން ބުނީ, އުޅަނދުގެ އިންޖީނު ހުއްޓުމާ އެކު, ކުއްލި ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމުގައެވެ. އަދި, ބޯޓު ބުރިޖުގައި ޖެހި, އެކްސިޑެންޓުވުމުގެ ކުރިން އުޅަނދުގެ ނަގިލި ވައްޓައިލައި, ބޯޓު ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ބޯޓުގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅު ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.
މި ހާދިސާއާ އެކު ބޮލްޓިމޯ ބަނދަރުން އާގުބޯޓުފަހަރު ފުރުން ވަނީ މެދުކަނޑައިލާފައެވެ. އެއީ, އެއްގަމު އުޅަނދުފަހަރު އެއްތަނުން އަނެއް ތަނަށް އުފުލާ އެމެރިކާގެ އެންމެ ބާރުބޮޑު އެއް ބަނދަރެވެ. 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު, އެ ބަނދަރުން 750,000އަށްވުރެ ގިނަ އެއްގަމު އުޅަނދު އިމްޕޯޓުކޮށްފައިވެއެވެ. މި ހާދިސާއާ އެކު, އެއްގަމު އުޅަނދުފަހަރުގެ އިތުރުން ބޯޓު ދެއްޔާއި ހަކުރު ބޭރު ކުރުމުގެ ވިޔަފާރިއަށް އަސަރު ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ, ބޮލްޓިމޯ ބަނދަރު އަލުން ހުޅުވައި, ހަލާކުވެފައިވާ ބުރިޖު ވީ އެންމެ އަވަހަކަށް މަރާމާތުކޮށް ހުޅުވަން އިރުޝާދު ދެއްވާފައިވާނެ ކަމުގައެވެ. މި ހާދިސާގައި ހަލާކުވެފައިވާ ބުރިޖަކީ 1977 ވަނަ އަހަރު ހުޅުވާފައިވާ ބުރިޖެކެވެ. މިއީ, 2007 ވަނަ އަހަރަށް ފަހު އެމެރިކާގައި ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. އެ އަހަރު މިނެސޯޓާ ސްޓޭޓްގެ މިނިޔެޕޮލިސްގެ ބުރިޖެއް މިސިސިޕީ ކޯރަށް ވެއްޓި 13 މީހުން މަރުވިއެވެ.