ކުޅިވަރު

ފުރަތަމަ ލެގުން ބަޔާންގެ މައްޗަށް އެތްލެޓިކޯ ކުރި ހޯދައިފި


ސައުލް ނިގުއެޒް ކާމިޔާބު ކޮށްދިން ގޯލުން ބަޔާން މިޔުނިކްގެ މައްޗަށް ކުރި ހޯދާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު އެތްލެޓިކޯ މެޑްރިޑުން ބޮޑުކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ނެވެ. މެޗްގައި އެތްލެޓިކޯ މެޑްރިޑްގެ ހަމައެކަނި ލަނޑު ނިގުއެޒް ކާމިޔާބުކޮށްދިނީ މެޗްގެ އެގާރަވަނަ މިނެޓްގައެވެ.

މި ނަތީޖާގެ ސަބަބުން އެތްލެޓިކޯ މެޑްރިޑަށް މިއަންނަ މަހުގެ ތިންވަނަ ދުވަހު ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗް އެއްވަރުކޮށްލައިގެންވެސް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ. މެޗަށްފަހު އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއެގޯ ސިމިއޯނީ ބުނީ ރޭގައި ފެނިގެންދިޔައީ ބާސެލޯނާއާ ދެކޮޅަށްވެސް އެތްލެޓިކޯ މެޑްރިޑުން ކުޅުނު ގޭމް ކަމަށާ މި ފެންވަރުގައި ކޮންމެ މެޗެއްގައި ކުޅެފިނަމަ މުބާރާތުގެ ތަށި އެތްލެޓިކޯ މެޑްރިޑަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދެވަނަ ލެގަށް ބަޔާންގެ ދަނޑުގައި ނުކުންނައިރު އެ ޓީމު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށްވާނެކަމަށް ސިމިއޯނީ ބުންޏެވެ. 

" ރޭގައި ފެނިގެން އެ ދިޔައީ އަސްލު އެތްލެޓިކޯ މެޑްރިޑްގެ ފަރާތުން ފެންނަން ބޭނުންވި ކުޅުން. ބާސެލޯނާ މެޗްގައިވެސް ފެނިގެންދިޔަ ކުޅުން އެ ފެނިގެން ދިޔައީ. މި ކުޅުން ތަކުރާރު ކުރަންޏާ މި މުބާރާތް ކާމިޔާބު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. ދެވަނަ ލެގަށް ނުކުންނައިރު ވަރަށް ސަމާލުވެގެން ބަޔާންއާ ދެކޮޅަށް ނުކުންނަން ޖެހޭނީ" ސިމިއޯނީ ބުންޏެވެ. 

ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މެޗްގައި އޭނާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފެއްދި ކަމަށާއި، އަދި ގޯލް ޖެހުމަށް ފުރުޞަތުތައްވެސް ލިބިގެން ދިޔަކަމަށެވެ. އެހެންނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނީ އެތްލެޓިކޯ މެޑްރިޑްގެ ޑިފެންސް ވަރުގަދަވުމުން ކަމަށް ގާޑިއޯލާ ބުންޏެވެ.

 " މެޗްގައި ލަނޑު ޖެހުމަށް ރަނގަޅު ހުސް ފުރުޞަތު ތަކެއްވެސް ލިބިގެން ދިޔަ. އެހެންނަމަވެސް އެ ފުރުޞަތު ތަކުގެ ބޭނުން ނުކުރެވުނީ. ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭ. އެތްލެޓިކޯ މެޑްރިޑްގެ ޑިފެންސް ރޭގައި ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށް. އެހެންނަމަވެސް ދެވަނަ ލެގުގެ މެޗް މިއަށްވުރެ ރަނގަޅުވާނެ. ފައިނަލަށް ދިއުމުގެ ފުރުޞަތު އަދިވެސް އެބައޮތް " ގާޑިއޯލާ ބުންޏެވެ.