ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ސޫރިޔާގެ އުތުރުގައި އޮންނަ ޙަލަބް ޕުރޮވިންސަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީފިއެވެ. ޔަހޫދީ ފައުޖުން ބުނީ, މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙަލަބުގައި ހަރަކާތްތެރިވާ ލުބްނާންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهއަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ކަމުގައެވެ. މި ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
މިއީ, ފަހުގެ ތާރީޚެއްގައި ޔަހޫދީ ފައުޖުން ސޫރިޔާއަށް ދީފައިވާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޙިޒްބުاللهގެ އިތުރުން ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ސިފައިންނާއި ކޮމާންޑަރުންނަށް އަމާޒުކޮށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާ ދެމުންނެވެ. އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު, ޔަހޫދީ ފައުޖުން ސޫރިޔާއަށް އަމާޒު ކޮށް ދީފައިވާ ޙަމަލާތަކުގެ ޢަދަދު ވެސް ވަނީ އިތުރު ކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޢުދުވާންތައް ފަށާފައި ވަނީ, އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެންނެވެ. ޙަމާސަކީ އީރާނުން އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެކެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން އީރާނުން އެހީތެރިކަން ފޯރުކޮށްދޭ ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ވަރުގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ ހަނގުރާމަވެރިން ހިމެނެއެވެ.
ލުބްނާނުގެ އިތުރުން ޙިޒްބުاللهއިން ދަނީ ސޫރިޔާގެ ޙަލަބުގެ އިތުރުން ވެރިރަށް ދިމިޝްޤުގައި ވެސް ހަރަކާތްތެރިވަމުންނެވެ. ޔަހޫދީން ބުނީ, ޙަލަބަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޢަލީ ޢަބްދު އަޚްސާން ނަޢީމް ކަމުގައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޙަލަބްގެ އަލް-ބާޒޫރިއްޔާއަށް ދިން ވައިގެ ޙަމަލާތަކެއްގައެވެ.
ޣައްޒާގެ ޢުދުވާން ފެށި ފަހުން ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ ހަނގުރާމަވެރިން ވެސް ވަނީ ކޮންމެ ދުވަހަކު ޔަހޫދީންނާ ޙަމަލާ ބަދަލު ކުރަމުންނެވެ. މިއީ, 2006ވަނަ އަހަރު ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކުރި ހަނގުރާމައަށް ފަހު ބަދަލު ކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް ޙަމަލާދޭން ފަށާފައި ވަނީ ޙަމާސާއި ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައެވެ.
މި ޙަމަލާތަކުގައި ޙިޒްބުاللهން ވަނީ ޔަހޫދީ ސިފައިންގެ ޑަޒަނަކަށް ވުރެ ގިނަ މީހުން މަރައިލާފައެވެ. އަދި, ޔަހޫދީ ޢާންމުންގެ ހައެއްކަ މީހުން މަރައިލާފައެވެ. ލުބްނާނަށް ޔަހޫދީ ފައުޖުން ދީފައިވާ
ޙަމަލާތަކުގައި ޙިޒްބުاللهގެ 270 މީހުން ޝަހީދު ކޮށްލާފައިވާއިރު, 50އަށްވުރެ ގިނަ ޢާންމުން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައެވެ.