ޚަބަރު

ޔަހޫދީ ފައުޖުން ޙަމަލާދީ ޣައްޒާއިން 82 މީހުން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އިތުރު 82 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަމުން މި ދަނީ, ޢުދުވާންތައް މެދުކަނޑައިލަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އިތުރު 98 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލު, އަލް-ޝިފާ ހަސްފަތާލު ހުންނަ ސަރަޙައްދަށެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ އެ ހަސްފަތާލު ކައިރިންނެވެ.

ޣައްޒާގެ އިރުމަތީގައި އޮންނަ އަލް-ޝަޖާޢިއްޔާއަށް ވެސް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް ދިނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އަލް-ޝަޖާޢިއްޔާގައި ހުންނަ ޢާންމުން ދިއިރުޅޭ ގެއަކަށް ބޮންއަޅައި 17 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, އަލް-މަޣާޒީ ރެފިއުޖީ ކޭމްޕުގައި ހުރި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި އަށް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 10 ފުލުހުން ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން އަލް-ޝިފާ ހަސްފަތާލުގެ ތެރޭގައި ވެސް ދަނީ ޢުދުވާންތައް ހިންގަމުންނެވެ. އެ ތަނުގައި ތިބި ބަލި މީހުންނަށް ފުރައްސާރަ ކުރަމުންނެވެ. އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް ބިރު ދައްކަމުންނެވެ. ޔަހޫދީ ފައުޖުގެ ސިފައިން ވަނީ އެ ހަސްފަތާލުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޑޮކްޓަރުން ޝަހީދު ކޮށްލާފައެވެ. އަދި, ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ހައްޔަރު ކޮށްގެން ގެންގޮސްފައިވާއިރު, ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދެމުންނެވެ.

ޔަހޫދީ ފައުޖުން ވަނީ ޚާން ޔޫނިސާއި އަލް-ކަރާރާއަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރު ހަސްފަތާލަށެވެ. ބަރުހަތިޔާރާ އެކު ޔަހޫދީ ސިފައިން ވަނީ އެ ހަސްފަތާލު ވެސް ވަށައިލާފައެވެ. އަދި, އެ ތަނުން ވަދެނިކުމެވާ މީހުންނަށް ޔަހޫދީ ފައުޖުން ދަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. ޣާއްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް މި ވަގުތު ދިރިއުޅެމުން ދަނީ ރަފަޙުގެ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ރަފަޙުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ބޮން އަޅައި, ޔަހޫދީ ފައުޖުން ވަނީ އެ ގޭގައި ދިރިއުޅޭ ޢާއިލާގެ 12 މެންބަރުން ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަން ފަށާފައި މި ވަނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭން) އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އައިިސީޖޭން ނެރެފައިވާ [އިސްރާއީލަށް އަމުރު ކުރަން] ލާޒިމު އަމުރުން ވެސް ދޭހަ ކޮށްދެނީ ޣައްޒާގެ ރައްޔިތުން މި ވަގުތު ތަޙައްމުލު ކުރަމުންދާ ދަތި ހާލަކީ [ޔަހޫދީން] އެ މީހުންނަށް މަޖުބޫރުން ކުރިމަތި ކުރުވާފައިވާ ހާލަތެއް ކަން. ނަމަވެސް, މިއީ ބަދަލު ކުރެވޭނެ ހާލަތެއް،" ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ގެ ކޮމިޝަނަރ-ޖެނެރަލް ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,705އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,190އަށް އުފުލިފައެވެ.