ޚަބަރު

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން މުނާފިގު އެމެރިކާއިން ޔަހޫދީންނަށް އިތުރު ހަތިޔާރު ފޮނުވަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, އެ މީހުން ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތައް މެދުކަނޑައިނުލައި ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ޔަހޫދީ ފައުޖަށް އިތުރު ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭން އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާއިން ޔަހޫދީންނަށް ފޮނުވަން ނިންމާފައިވާ ހަތިޔާރުގެ ޕެކޭޖުގެ އަގު 2.5 ބިލިޔަން އެމެރިކާ ޑަލަރަށް އަރައެވެ. އޭގެ ތެރޭގައި ބާރުގަދަ, އަދި ނުރައްކާތެރި ބޮންތަކާއި, އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓުތައް ހިމެނެއެވެ.

ޣައްޒާގެ މުސްލިމުންނާ މެދު އެމެރިކާއިން އަމަލު ކުރަމުންދާ ގޮތުން, އެމެރިކާގެ މުނާފިގުކަން ހާމަވެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އޭނާގެ ސަރުކާރުގެ ދެފުށްދެގޮތް ކަން ސާބިތުވެެއެވެ. ދުނިޔޭގެ ކުރިމަތީގައި ބައިޑަން ގޮވައިލަމުން ދަނީ ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށެވެ. ނަމަވެސް, އޭގެ އަނެއް ދުވަހު, ބައިޑަން ދަނީ ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީންނަށް ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހަތިޔާރެއް ފޯރުކޮށްދެމުންނެވެ.

ބައިޑަން ޔަހޫދީންނަށް އިތުރު ހަތިޔާރު ފޮނުވަން ނިންމާފައި މި ވަނީ, ޣައްޒާގެ 2.3 މިލިޔަން މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭން) އަމުރު ކޮށްފައިވާ ވަގުތެއްގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން މިހާރު ތައްޔާރުވަމުން ދަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އެއްގަމު މަގުން އަރައި, ޢުދުވާން ފުޅާކޮށް, ގަތުލުއާންމުތައް އިތުރު ކުރުމަށެވެ.

އެމެރިކާގެ ދިފާޢީ ޢިދާރާ, ޕެންޓެގަން އަދި ޚާރިޖީ ވުޒާރާއިން ބުނީ, ޔަހޫދީންނަށް ފޯރުކޮށްދޭން ނިންމާފައިވާ ހަތިޔާރުގެ ތެރޭގައި ބާރުގަދަ އަދި ނުރައްކާތެރި ބޮންތަކެއް ހިމެނޭ ކަމުގައެވެ. އޭގެ ތެރޭގައި އެމްކޭ84 މަރުކާގެ 2,000ޕައުންޑުގެ 1,800 ބޮމާއި, އެމްކޭ82 މަރުކާރުގެ 500 ޕައުންޑުގެ 500 ބޮން ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނޭ 2,000 ޕައުންޑުގެ ބޮމަކީ ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ. މީގެ ބޮމެއް ބޭނުންކޮށްގެން 1,000 ފޫޓުގެ ސަރަޙައްދެއްގައި ތިބޭ ހުރިހާ އެންމެންގެ ލޭއޮހޮރުވައިލައި, ޝަހީދު ކޮށްލެވޭނެއެވެ. މިއީ, ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކު އެއް ފަހަރާ ޝަހީދު ކޮށްލަން ބޭނުން ކުރެވޭނެ ހަތިޔާރެކެވެ. ޔަހޫދީ ފައުޖުން އެމެރިކާއިން ފޮނުވާ ބޮންތައް ބޭނުން ކުރާނީ ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި މިސްކިތްތައް ސުންނާފަތިކޮށް, ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުންގެ ލޭއޮހޮރުވައިލާށެވެ.

އެމެރިކާއިން ޔަހޫދީންނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމުމުން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ. އެ ވުޒާރާއިން ބުނީ, ފަލަސްޠީނުގެ މުސްލިމުން ގަތުލު ކުރަން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގަމުންދާ ލާއިންސާނީ ޢުދުވާން އެމެރިކާއިން ހުއްޓުވަން ޖެހޭ ކަމުގައެވެ. އަދި, ޔަހޫދީންނަށް ހަތިޔާރު ފޯރު ކޮށްދިނުން ހުއްޓައިލަން ޖެހޭ ކަމުގައެވެ.

އެމެރިކާގެ ޤާނޫނުގެ ހަދާ މަޖިލީހުގެ މަތިގެ, ސެނެޓުގެ މެންބަރުން ވެސް ގެންދަނީ މި "ދެފުށްދެގޮތަށް" ސިޔާސަތު ދޫކޮށްލައި, އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސައިލުމަށް ބައިޑަނަށް ގޮވައިލަމުންނެވެ. "އެއް ދުވަހު ޢުދުވާންތައް ހުއްޓައިލަން ނަތަންޔާހޫއަށް ގޮވައިލާފައި, އަނެއް ދުވަހު މުޅި އަވަށެއް ސުންނާފަތި ކޮށްލެވޭހާ ނުރައްކާތެރި 2,000 ޕައުންޑުގެ ބޮން އޭނާއަށް ފޮނުވުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން،" ސެނެޓުގެ މެންބަރެއް ކަމުގައިވާ ބަރޖީ ސެންޑަރސް ވިދާޅުވިއެވެ.

"[ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި] އަޅުގަނޑުމެންގެ ބައިވެރިވުން ނިމުމަކަށް ގެންނަން ޖެހޭ: އިސްރާއީލަށް ބޮން ފޮނުވަން ނޫނެކޭ ބުނޭ."

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,705އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,190އަށް އުފުލިފައެވެ.