ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި


  • އޭޕްރީލް މަހުގެ 9 ވަަނަ ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެ

  • ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:00 އިން 16:00 އަށް ޒަކާތް ދެއްކޭނެ

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 30 ވަނަ ދުވަސް ނުވަތަ އޭޕްރީލް 9 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފާވާކަމަށެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައެވެ.

ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:00 އިން 16:00 އަށް ގޮވާމުން ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި 9 އޭޕްރީލް ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:00 އިން 18:00 އަށް ޒަކާތް ބަލައިގަތުުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތު ދެއެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ރަށު ކައުންސިލްތަކުން ހަމަޖައްސަވާނެކަމަށެވެ.


ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ. ގޮވާމުން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2 ވަނަ އަހަރުގައެވެ.