ދިވެހިންނަކީ މުއްސަނދި އާދަކާދައެއްގެ ވެރި ބައެވެ. އަޅުގަނޑުމެންގެ ގުޅުންތަކާއި އުޅުންތަކުގައި އަދަބުވެރިކަމާއި ރީތިކަމާއި ސާދާކަން އެކުލެވެއެވެ. އަޅުގަނޑުމެން ކުޅޭ ކުޅިވަރުތަކުގައި އުފާވެރިކަމާއި އެއްބައިވަންތަކަން އެކުލެވެއެވެ. މިހުރިހާކަމެއް ގުޅުވައިދޭ މައިގަނޑު އެއް ބަހާއަކީ ދިވެހިބަހެވެ.
މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ރާއްޖޭގެ އެންމެ އުފެއްދުންތެރި އަދީބުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހާ ގުޅުވައިގެންނެވެ. މިފަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ "ދިވެހިބަހުން ވިސްނަމާ"އެވެ.
ދިވެހިބަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ ސަގާފަތާއި ދިވެހިންގެ އުޅުންތަކާއި ގުޅުންތައް ގުޅުވައިދޭ މެދުވެރިޔާއެވެ. ދިވެހިންގެ އަސްލުވަންތަކަމުގެ އެންމެ މުހިންމު އެއް ބަހާއަކީވެސް އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހެވެ.
ދިވެހިބަހުގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިން ދިވެހިންނަށްވުމާއި ދިވެހިންނަށް ދިވެހިންނޭ ކިޔެނީ ދިވެހިބަހުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ވޭތުވެދިޔަ 4000 އަހަރުވީ ދިގު ތާރީޚުގައި ދިވެހިން ކަންކަމާމެދު ވިސްނާއި ފިކުރުކުރީ ދިވެހިބަހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢިލްމުވެރިން ބުނަނީ އިންސާނާ އޭނާގެ މާދަރީބަހުން ވިސްނީމަ ފަސޭހަ ވާނެއޭ ދެނެގަންނަން. އިންސާނާއާ ގުޅިފައިވާ ޙާލަތްތަކާ ގުޅުވައިދެނީ މާދަރީ ބަސް. ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި އިންސާނާ އުފަންވުމުގެ ކުރިން މާދަރީބަސް ލިބެމުންދޭ. މާދަރީބަހާ އަޅުގަނޑުމެންނާ ގުޅިފައިވަނީ ވަރަށް ޚާއްސަ ޤުދުރަތީ ގުޅުމެއް. އަޅުގަނޑުމެންގެ މާދަރީބަހަކީ ދިވެހިބަސް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެބައެއްގެ މުޅި ޤައުމުގެ ސަލާމަތާމެދު އެންމެން ގުޅިގެން ޚިޔާލުކުރުމަށާއި ފިކުރުކުރަން ބޭނުންކުރެވޭ ބާރަކީ މާދަރީބަސް ކަމަށެވެ. އެހެންކަމުން ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ މާދަރީބަސް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިބަހުގެ ދުވަހަށް މިއަހަރު ކަނޑައަޅުއްވާފައިވާ ޝިޢާރާ އެއްގޮތަށް ދިވެހިބަހުން އަދުގެ ދަރިވަރުން ވިސްނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ ހާދިސާތަކާއި ތާރީޚުގައި ހިނގި ކަންކަން އެކުދިންނާ ގުޅުވައިދެނީ ދިވެހިބަހުން ވިސްނުމުންކަމަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަސް ދިރުވާ އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ.
އެގޮތުން މިކަމަށް ޚާއްސަކޮށް އުފެއްދެވި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމުގެ މަސައްކަތާއި ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށްކުރާ މަސައްކަތާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމާއި ދިރާސާގެ މަސައްކަތްތައް ފެށުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެކަމަށް ދިވެހިބަހާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.