ޚަބަރު

ޔަހޫދީން ގަސްދުގައި ޣައްޒާގެ އިޖުތިމާޢީ އެހީތެރިންގެ ހަތް މީހުން މަރައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ އިޖުތިމާޢީ އެހީތެރިންގެ ބަޔަކަށް ޙަމަލާދީ, އޭގެ ތެރެއިން ހަތް މީހުން މަރައިލައިފިއެވެ. ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ މަރައިލާފައި ވަނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ގެ މުވައްޒަފުންނެވެ.

ޔަހޫދީ ފައުޖުން ވައިގެ ޙަމަލާ ދީފައި ވަނީ, ޑަބްލިޔުސީކޭގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ ތިން އުޅަނދަކަށެވެ. އެއީ, އެ ޖަމުޢިއްޔާގެ އުޅަނދުތަކެއް ކަން ހާމަކޮށްދިނުމަށް އުޅަނދުގެ މަތީގައި ޑަބްލިޔުސީކޭގެ ލޯގޯ ޖަހާފައިވެއެވެ. މި ޙަމަލާ ދީފައި ވަނީ ދީރް އަލް-ބަލަޙްގައި ހުންނަ ގުދަނަކަށް ކާބޯތަކެތި ބޭލުމަށް ފަހު, ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ. ޑަބްލިޔުސީކޭން ބުނީ, އެ ސަރަޙައްދުގައި އެ ޖަމުޢިއްޔާގެ އިޖުތިމާޢީ ޚިދުމަތްތެރިންގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމުގެ މަޢުލޫމާތު ޔަހޫދީ ފައުޖާ ކުރީބައިގައި ހިއްސާކޮށްފައިވާނެ ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާގައި މަރައިލާފައިވާ ޑަބްލިޔުސީކޭގެ މުވައްޒަފުންގެ ތެރޭގައި އޮސްޓްރޭލިޔާ, އިނގިރޭސިވިލާތް, ޕޮލެންޑު, އެމެރިކާ އަދި އެމެރިކާއާއި ކެނެޑާގެ ރައްޔިތުން ހިމެނެއެވެ. އެ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އަދި, އެމެރިކާއިން ވަނީ ޑަބްލިޔުސީކޭގެ މުވައްޒަފުންނަށް ޙަމަލާދޭން ޖެހުނު ސަބަބު ސާފު ކޮށްދިނުމަށް ޔަހޫދީ ސަރުކާރުގައި އެދިފައެވެ.

"ހަނގުރާމައިގެ މައިދާނުގައި މި ކަހަލަ ކަންތައް ވެސް ހިނގާނެ،" ޙަމަލާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެމުން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ލީޑަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ހިމެނެެއެވެ. ޙަމަލާއާ ގުޅިިގެން ކަންބޮޑުވުން ފާޅު ކުރެއްވުމަށް ސުނާކް ވަނީ ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅުއްވާފައެވެ. އިނގިރޭސިވިލާތުގެ ތިން ރައްޔިތުން މަރުވި މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ސުނާކް ވަނީ ޖައްބާރު ނަތަންޔާހޫއަށް އަންގަވާފައެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވެސް ވަނީ ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި, ނުރުހުން ފާޅު ކުރައްވާފައެވެ. ޑަބްލިޔުސީކޭގެ މުވައްޒަފުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުށްވެރި ކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާއިން ވަނީ ޔަހޫދީން ހިމާޔަތް ކުރަން މަސައްކަތް ފަށާފައެވެ. އެމެރިކާއިން ބުނީ, މިއީ ޔަހޫދީ ފައުޖުން ގަސްދުގައި ދީފައިވާ ޙަމަލާއެއް ކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމުގައެވެ.

ނަމަވެސް, އެމެެރިކާއިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ, ޑަބްލިޔުސީކޭގެ ބާނީ ހޯސޭ އަންދްރޭސަށް ފޯނުން ގުޅުއްވައި ތަޢުޒިޔާ ދަންނަވާފައެވެ. ވައިޓް ހައުސުން ބުނީ, ޣައްޒާގެ މުސްލިމުން ނައްތައިލަން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތަކުން އިޖުތިމާޢީ ޚިދުމަތްތެރިން ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ޔަހޫދީ ސަރުކާރަށް އަންގާނެ ކަމުގައެވެ.

މިއީ, ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އދއިން ބުނީ, އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ އިޖުތިމާޢީ ޚިދުމަތްތެރިންގެ ޢަދަދު 196އަށް އުފުލިފައިވާ ކަމުގައެވެ. މީގެ އިތުރުން, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,975އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,577އަށް އުފުލިފައެވެ.