އިންޑިޔާގެ ދެކުނުގައި އޮންނަ ސްޓޭޓެއްގައި ހުންނަ ކެމިކަލް އުފައްދާ ކާރުޚާނާއެެއްގައި ބާރުގަދަ އެއްޗެއް ގޮވައި ފަސް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ތޭލަންގާނާ ސްޓޭޓްގައެވެ. މި ހާދިސާގައި އިތުރު 16 މީހަކު ޒަޚަމުވި ކަމުގައި އިންޑިޔާގެ ފުލުހުން ބުންޏެވެ. ކާރުޚާނާ ހުންނަނީ ތޭލަންގާނާގެ ސަންގާރޭޑީ ޑިސްޓްރިކްޓުގައެވެ.
ކެމިކަލް ކާރުޚާނާގައި ބާރުގަދަ އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ތޭލަންގާނާގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ސީއެޗް ރުޕޭޝް ވިދާޅުވީ, ކާރުޚާނާގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ހުރިހާ މީހުން ސަލާމަތްކޮށްގެން ނެރެވިފައިވާ ކަމުގައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ތަނުގެ ތެރޭގައި 50 ވަރަކަށް މުވައްޒަފުން ތިބި ކަމަށް ބެލެވެއެވެ. އަދި, މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ބުންޏެވެ. މި ހާދިސާ ހިނގާފައި ވަނީ އެސްބީ އޯގެނިކްސް ކުންފުނިން ހިންގާ ކާރުޚާނާއެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ ކުންފުނީގެ އިސް އޮފިޝަލެއް ވެސް ހިމެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާ ކަމުގައި ވެސް ރުޕޭޝް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި, މި ހާދިސާގައި ކެމިކަލް ކާރުޚާނާގެ އެއް ރިކެކްޓަރު ގޮވާފައިވެއެވެ. އަދި, އިތުރު ރިއެކްޓަރެއް ގޮވުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ. ކާރުޚާނާ ހުންނަ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަންގާރޭޑީގައި ހުންނަ ކަފަ ރައްކާކުރާ ގުދަނެއްގައި ވެސް އޭޕްރިލް 1 ވަނަ ދުވަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ތަނުގައި އަލިފާން ރޯވާން މެދުވެރިވީ, ކަރަންޓު ޝޯޓް ސަރކިޓްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
ހުސްވި ހަފުތާގައި ވެސް ސަންގާރޭޑީގައި ހުންނަ ކާބޯތަކެތި ތައްޔާރު ކުރާ ކާރުޚާނާއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި އޮފިޝަލުން ބުންޏެވެ.