ޚަބަރު

ތައިވާން ބިންހެލުމުގައި ނުވަ މަރު, ގެއްލުނު 50 މީހުން ހޯދަނީ


ތައިވާނުގެ އިރުމަތީގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ހުއާލިއަނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ނުވައަކަށް އުފުލިފައިވާއިރު, ގެއްލިފައިވާ ކަމަށް ބެލެވޭ 50އެއްހާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ރިކްޓަރ މިންގަނޑުން 7.2ގައި ރެކޯޑު ކުރެވިފައިވާ މި ބިންހެލުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓި, 946 މީހުން ޒަޚަމުވިއެވެ.

ތައިވާން ގަޑިން ހެނދުނު 8 ޖެހިއިރު އައި ބިންހެލުމާ އެކު, ހުއާލިއަންގެ ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކެނޑުނެވެ. އެއީ, ގިނަ ޢަދަދެއްގެ ބަޔަކު ވަޒީފާއަށް ދިޔުމަށް ދަތުރު ކުރަމުންދިޔަ ވަގުތެެވެ. އަދި, ދަރިވަރުން މަދަރުސާތަކަށް ދިޔަ ވަގުތެވެ. މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން 50 މީހަކީ ނޭޝަނަލް ޕާކެއްގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ ބަސްތަކެއްގައި ތިބި ބަޔެކެވެ. އެ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ހުއާލިއަންގެ އޮފިޝަލުން ބުންޏެވެ.

ބިންހެލުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓި, ބައެއް ޢިމާރާތްތައް އަރިއަޅައިލައި ބޮޑެތި ގެއްލުންތައް ލިބުމާ އެކު, އެ ޢިމާރާތްތަކުގައި ދިރިއުޅޭ އަހުލުވެރިން ވަނީ މަގުމަތިވެފައެވެ. ގިނަ ބަޔަކު ރޭކޮށްފައި ވަނީ މަގުމަތީގައި ޖަހާފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. ބިންހެލުމާ ގުޅިގެން ގެއްލުންވި ޢިމާރާތްތަކުގެ ހާލަތު ވަޒަން ކުރުމަށް މާހީރުންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުއާލިއަން ސިޓީގެ މޭޔަރު ޝޫ ޗެން-ވެއި ވިދާޅުވީ, ގެއްލުން ލިބިފައިވާ ޢިމާރާތްތަކުގައި ދިރިއުޅޭ މީހުންނާއި, އޮފީސް އަދި ވިޔަފާރިކުރާ ޢިމާރާތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ބިންހެލުމާ ގުޅިގެން ގެއްލުންވި ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބި 70އެއްހާ މީހުން ވެސް މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.

ތައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ބިމުގެ ސަތަހައިން 15.5 ކިލޯމީޓަރު ފުނަށް އައި މި ބިންހެލުމަށް ފަހު, ހުއާލިއަން ސަރަޙައްދަށް އިތުރު 50 ލޮޅުމެއް އައިސްފައިވާ ކަމުގައެވެ. މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ޗައިނާއާއި ޖަޕާނުގެ ސަރަޙައްދުތަކުން ވެސް އިހުސާސް ކުރެވުނެވެ. އަދި, އެ ސަރަޙައްދުގައި އޮންނަ ޖަޕާނާއި ފިލިޕީންސަށް ސުނާމީއެއްގެ އިންޒާރު ނެރުނެވެ. ނަމަވެސް, ފަހުން އެ އިންޒާރު ވަނީ ބާޠިލު ކޮށްފައެވެ.

މިއީ, ފާއިތުވި 25 އަހަރުގެ ތެރޭގައި ތައިވާނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެންމެ ފަހުން މި ފަދަ ބާރުގަދަ ބިންހެލުމެއް ތައިވާނަށް އައިސްފައި ވަނީ 1999 ވަނަ އަހަރުއެވެ. އެ އަހަރު އައި ރިކްޓަރ މިންގަނޑުން 7.6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން 2,400އެއްހާ މީހުން މަރުވިއެވެ. އަދި, 50,000އެއްހާ ޢިމާރާތް ވެއްޓުނެވެ. ނުވަތަ ގެއްލުންވިއެވެ.