ޚަބަރު

ރަމަޟާން މަހުގެ ފުރަތަމަ 20ގައި ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ


  • އޮންލައިންކޮށް އެކި ޕްލެޓުފޯމުތަކުން ޒަކާތް ދެއްކޭނެ

  • އެންމެ ގިނަ މީހުން ޒަކާތު ދައްކާފައިވަނީ ބީއެމްއެލް މެދުވެރިކޮށް

  • ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުން

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ޒަކާތު ހައުސްއިންވަނީ ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހު ފިޠުރު ޒަކާތުގެގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލްތައް އާއްމުކޮށްފައެވެ. އާއްމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު އެކި ޕްލޭޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އޭގެތެރޭގައި ހިމެނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ފިޠުރު ޒަކާތުގެގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލް

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ: 408324 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް: 2.2 މިލިއަން ރުފިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކް: 739219 ރުފިޔާ
ބަނޑޭރި ޕޭ: 317404 ރުފިޔާ
ދިރާގު: 191469 ރުފިޔާ
އުރީދޫ: 177310 ރުފިޔާ
ފަހިޕޭ: 380719 ރުފިޔާ

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

އެގޮތުން 63389 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި 14567 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 10779 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

ޒަކާތާމެދު ހޭލުންތެރިކަން އުފައްދާ ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވާފައެވެ.