ޚަބަރު

ބައިޑަން ނަތަންޔާހޫއަށް އިންޒާރުދެއްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާއި އެ ސަހަރުގައި މަސައްކަތް ކުރާ އިޖުތިމާޢީ ޚިދުމަތްތެރިންގެ ފުރާނަ ސަލާމަތް ކުރަން ޔަހޫދީން ފާރަވެރި ނުވާ ނަމަ, އެމެރިކާއިން ޒަޔަނިސްޓު އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެ, އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދެއްވައިފިއެވެ. މިއީ, އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން ކަނޑައިލާނެ ކަމަށް ބުނެ ބައިޑަން ޖައްބާރު ނަތަންޔާހޫއަށް އިންޒާރު ދެއްވާފައިވާ ފުރަތަމަ ފަހަރެވެ.

ބައިޑަން ނަތަންޔާހޫއަށް އިންޒާރު ދެއްވާފައި ވަނީ, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާ, ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ގެ ހަތް މެންބަރުން މަރައިލުމާ ގުޅިގެން, އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރެއްވުމަށް ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ ޖަމުޢިއްޔާއެއް ކަމުގައިވާ ޑަބްލިޔުސީކޭގެ ހަތް މެންބަރުން މަރައިލާފައި ވަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދޭން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޑަބްލިޔުސީކޭގެ ބާނީ ހޯސޭ އަންދްރޭސް ބުނީ, އެ ޖަމާޢަތުގެ މެންބަރުން ދަތުރު ކުރަމުން ދިޔަ ތިން އުޅަނދަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ގަސްދުގައި ކަމުގައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާގައި މަރައިލާފައިވާ ޑަބްލިޔުސީކޭގެ މުވައްޒަފުންގެ ތެރޭގައި އޮސްޓްރޭލިޔާ, އިނގިރޭސިވިލާތް, ޕޮލެންޑު އަދި އެމެރިކާއާއި ކެނެޑާގެ ރައްޔިތުން ހިމެނެއެވެ. އެ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އެ ޙަމަލާއާ ގުޅިގެން ޒަޔަނިސްޓު ނަތަންޔާހޫ ވަނީ ހޫނުފެނަށް ވެއްޓިފައެވެ.

އެ ޙަމަލާއާ ގުޅިގެން ބައިޑަނަށް ވެސް ވަނީ ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޙަމަލާއާ ގުޅިގެން, ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ, ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލުމަށް އޭނާއަށް ގޮވައިލަން ފަށާފައެވެ. ނަމަވެސް, ފިއްތުންތަކަށް ބޯލަނބައި, ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދޭން ބައިޑަން ނިންމަވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ, އޭނާއަކީ މުޅި އުމުރުގައި ވެސް ޔަހޫދީންނަށް ތާޢީދު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަމަވެސް, ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލަން ބައިޑަން ނިންމަވައިފި ނަމަ, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމަށް ހީނަރުކަން އަންނާނެއެވެ ސަބަބަކީ, މި ޢުދުވާންތައް ހިންގުމުގައި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރު ކޮށްދެމުން ދަނީ އެމެރިކާ ކަމުގައިވުމެވެ.

ވައިޓް ހައުސުން ބުނީ, "[ޢައްްޒާގެ] ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ޙަމަލާތައް ހުއްޓައިލައި, އެ މީހުންނަށް ޖައްސާފައިވާ އިންސާނީ މުސީބާތުން ސަލާމަކޮށް, [ޣައްޒާގައި ހަރަކާތްތެރިވާ] އިޖުތިމާޢީ ޚިދުމަތްތެރިން ހިމާޔަތް ކުރުމަށް [ބައިޑަން] ސާފުކޮށް ގޮވައިލައްވާފައިވާ" ކަމުގައެވެ. އަދި, މި ގޮވައިލުމާ މެދު ޒަޔަނިސްޓު އިސްރާއީލުން އަމަލު ކުރާ ގޮތެއް ބެލުމަށް ފަހު, އެމެރިކާގެ ސިޔާސަތުތަކަށް ބަދަލު ގެންނާނެ ކަމުގައި ބައިޑަން ވިދާޅުވި ކަމުގައެވެ.

ނަމަވެސް, އެމެރިކާގެ ސިޔާސަތުތައް ބަދަލުކޮށް, ދެން އަޅާނެ ފިޔަވަޅުތައް ސާފުކޮށްދޭން ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކަރބީ ވަނީ ދެކޮޅު ހައްދަވާފައެވެ. މި ކަމާ ގުޅޭ ގޮތުން ޖައްބާރު ނަތަންޔާހޫގެ ތަރުޖަމާނު ތާލް ހައިންރީޚް ބުނީ, "އަހަންނަށް ހީވަނީ ވޮޝިންގޓަނުން އެ ދައްކާ ވާހަކަ ސާފު ކޮށްދޭން ޖެހޭ" ކަމުގައެވެ.

ވައިޓް ހައުސުން ބުނީ, ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލައި, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބައިޑަން ޖައްބާރު ނަތަންޔާހޫއަށް ބާރު އަޅުއްވާފައިވާ ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ ބައިޑަންގެ ގޮވައިލެއްވުން ތަކުރާރު ކުރައްވާފައެވެ. "[ޔަހޫދީ ފައުޖުގެ] އަމަލުތަކަށް ބަދަލު އަންނަ މަންޒަރު ނުފެންނަ ނަމަ, އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ބަދަލު ގެންނާނަން،" ބްލިންކަން ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު އެހީތެރިއަކީ އެމެރިކާއެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, މިސްކިތްތަކާއި ހަސްފަތާލުތައް ސުންނާފަތިކޮށް, އެ މީހުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާއިން ފޮނުވާފައިވާ ތަކެއްޗެވެ.

މި ޢުދުވާން މެދުކަނޑައިނުލައި ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ޔަހޫދީ ފައުޖަށް އިތުރު ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭން އެމެރިކާއިން ދާދި ފަހުން ވަނީ ނިންމާފައެވެ. އެމެރިކާއިން ޔަހޫދީންނަށް ފޮނުވަން ނިންމާފައިވާ ހަތިޔާރުގެ ޕެކޭޖުގެ އަގު 2.5 ބިލިޔަން އެމެރިކާ ޑަލަރަށް އަރައެވެ. އޭގެ ތެރޭގައި ބާރުގަދަ, އަދި ނުރައްކާތެރި ބޮންތަކާއި, އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓުތައް ހިމެނެއެވެ.

ޣައްޒާގެ މުސްލިމުންނާ މެދު އެމެރިކާއިން އަމަލު ކުރަމުންދާ ގޮތުން, އެމެރިކާގެ މުނާފިގުކަން ހާމަވެއެވެ. ބައިޑަނާއި އޭނާގެ ސަރުކާރުގެ ދެފުށްދެގޮތް ކަން ސާބިތުވެެއެވެ. ދުނިޔޭގެ ކުރިމަތީގައި ބައިޑަން ގޮވައިލައްވަމުން ގެންދަނީ ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށެވެ. ނަމަވެސް, އޭގެ އަނެއް ދުވަހު, ބައިޑަން ގެންދަވަނީ ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީންނަށް ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހަތިޔާރެއް ފޯރުކޮށްދެއްވަމުންނެވެ.