ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ޔަހޫދީ ފައުޖުން ޙަމަލާދީ, ސިފައިންގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާއާ އެކު މެދުއިރުމަތީގެ މަސްރަޙު ބަދަލުވާނެ ކަމަށް ބުނެ ލުބްނާނުގެ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ދިމިޝްޤަށް ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ހިމެނެއެވެ.
އޭގެ ތެރެއިން އެކަކަކީ އައިއާރްޖީސީގެ އެންމެ ބާރުގަދަ ޤުދުސް ލަޝްކަރުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ބްރިގޭޑިޔަރ ޖެނެރަލް މުޙައްމަދު ރިޟާ ޒާހިދީއެވެ. ޝަހީދު ކޮށްލާފައިވާ ސިފައިންގެ ބަދަލު ހިފާނެ ކަމަށް ބުނެ, އީރާނުން އިންޒާރު ދިނުމާ ގުޅިގެން ޔަހޫދީން ވަނީ ބިރުން ތެޅިފޮޅެން ފަށާފައެވެ. އަދި, އީރާނުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ޔަހޫދީންގެ ޙަމަލާއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޙިޒްބުاللهގެ އިސްވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވިދާޅުވީ, ޔަހޫދީންނަށް އަދަބު ދިނުމަކީ އީރާނަށް ލިބިގެންވާ ޙައްޤެއް ކަމުގައެވެ. "ޔަގީން ކުރޭ, ކަށަވަރު ކުރޭ, ކުރިއަށް އޮތް ދުވަސްތަކުގައި ދިމިޝްޤުގައި ހުރި ކޮންސިއުލޭޓަށް ދިން ޙަމަލާގެ ބަދަލު އީރާނުން ހިފާނެ،" ނަޞްރުالله ވިދާޅުވިއެވެ.
އީރާނުން ދީފާނެ ޙަމަލާއެއް ދިފާޢު ކުރުމަށް ޔަހޫދީން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކަށް އޮޅުވައިލުމުގެ ގޮތުން ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލުން ހިމެނެއެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނަށް ޗުއްޓީ ދިނުން ހުއްޓައިލައި, އިތުރު ރިޒަރވް ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި, އެ ޤައުމުގެ އަސްކަރީ ވައިގެ ބަނދަރުތަކުގައި ހުރި އަސްކަރީ މަތިންދާބޯޓުތައް ރޫޅައިލައި, ބަންދުކޮށް, ފޮރުވަން ވެސް މަސައްކަތް ފަށާފައެވެ.
އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އީރާނުން ފާޅުގައި އަސްކަރީ ހަރަކާތެއް ހިންގާފައެއް ނުވެއެވެ. ނަަމަވެސް, އީރާނުން ވާގިވެރިވާ ކަމަށް ބުނާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ޔަހޫދީންނާއި އެމެރިކާއާ ދެކޮޅަށް ފާޅުގައި ހަނގުރާމައަށް ތެދުވާން އީރާނުން ބޭނުމެއް ނުވާނެއެވެ. ނަމަވެސް, އީރާނުން ވާގިވެރިވާ ހަތިިޔާރު އެޅި ޖަމާޢަތްތައް މެދުވެރިކޮށް, ޔަހޫދީންނާއި އެމެރިކާގެ މަސްލަޙަތު ހިމެނޭ ތަންތަނަށް ޙަމަލާދިނުން އިތުރު ކުރާނެއެވެ.
ޙިޒްބުاللهން މިހާރު ވެސް ދަނީ ކޮންމެ ދުވަހަކު ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. މިއީ, ޙަމާސް ޖަމާޢަތަށް ވާގިވެރިވުމުގެ ގޮތުންނާއި, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ޙިޒްބުاللهން ދެމުންދާ ޙަމަލާތަކެކެވެ. ލުބްނާނުގައި ހަރަކާތްތެރިވާ އެހެން ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ދަނީ މި ޖިހާދުގައި ބައިވެރިވަމުންނެވެ.
ޙިޒްބުاللهގެ އިތުރުން ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޢިރާޤުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤު (އައިއާރްއައި)ގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތް ހިމެނެއެވެ. ޙޫޘީ ޖަމާޢަތުން ދަނީ, ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އިސްރާއީލުގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,091އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,750އަށް އުފުލިފައެވެ.