އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމަށް ސަރުކާރުން ނިންމެވުމާއެކު، އެ މަސައްކަތް ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށްވެސް ފަޅުރަށެއް ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ކަރުދާހެއް ހުށައަޅާފައެވެ. އަދި ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުމުގެ ފުރަތަމަ ފިޔަވަޅުކަމުގައި އެކަން އެ ވުޒާރާއިން ސިފަކުރެއެވެ.
މި މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ އެކަށޭނަ ގޮތްތައް ނެތް ކަމަށެވެ. އަދި އިޖުތިމާޢީ ކަންކަމަށާއި އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމަށް ނިންމީ މިސަބަބާހުރެ ކަމަށް މޫސާ ފަތުހީ ވިދާޅުވިއެވެ. މިކަން ފާހަގަކޮށް ފަތުހީ ވިދާޅުވީ ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލަށްވެސް ފަޅުރަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޫސާ ފަތުހީ ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރެވުމާއެކު ވަޑާންކުރުމާއި އެޅިގާ އެޅުންފަދަ އިޖުތިމާޢީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށެވެ. އަދި އެ ރަށްރަށުގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްތައްކުރުމާއި ދަނޑުހެއްދުމާއި މަސް ކައްކައި ހިއްކުމުގެ މަސައްކަތްވެސް ފުޅާ ދާއިރާގައިކުރުމުގެ މަގުފަހިވާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ފުރިތަމަ ކައުންސިކްތަކަށް ފަޅުރަށް ދޫކުރެވޭނީ 10 އަހަރަށް. އޭގެ ފަހުން މުއްދަތު އިތުރުކުރެވޭނެ." މޫސާ ފަތުޙީ ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންކަން މިހާރުވެސް ސަރުކާރުން އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުންނެވެ. އެގޮތުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ ގޮތުގެ ގަވައިދު މިހާރު ވަނީ ސިޓީތަކާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައިއެވެ. އަދި މިގޮތަށް ދޫކުރުމަށް މިހާތަނަށް 25 ރަށުގެ ލިސްޓެއް ސަރުކާރުން ވަނީ ގެޒެޓުކޮށްފައެވެ.
ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް ކައުންސިލްތަކަށް ދޫކުރުމަށް ކުރީ ސަރުކާރުތަކުން ނިންމާފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ފަޅުރަށެއް ނޯވެއެވެ.