މާލޭ އާސަހަރާގެ ފިނިޝިންގ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
އާސަހަރާގެ ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން މީގެކުރިންވެސް އިޢުލާނުކުރި އެވެ. އެހެންނަމަވެސް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ނުވެގެން އަނެއްކާވެސް ވަނީ އިއުލާންކޮށްފައެވެ. މިކަމާގުޅޭ މައުލޫމާތު ސާފުކުރުން މިމަހުގެ 18 ގައި ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.
އާސަހަރާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މަސައްކަތް ދިދުލާގެން ދިޔުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކުރުމަށްފަހު މިދިޔަ ޑިސެމްބަރުމަހު އެ މަސައްކަތް ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށް ވަނީ ޙަވާލުކޮށްފައެވެ.
މިހާރު އެތަނުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ކައުންސިލުން ކުރިން މަސައްކަތްކުރީ ރަމަޟާންމަހުގެ ކުރިން އާސަހަރާގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ. އެހެންނަމަވެސް މި މަސައްކަތް ލަސްވަމުންދާ ސަބަބެއްކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ވިދާޅުވެފައިވަނީ، މަޝްރޫޢަށް އިތުރުކުރި ސްކޯޕުގެ ދަށުން މިސްކިތުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ދިމާލުގައި ހުރި އެމްޑަބްލިއުއެސްސީގެ "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
އާސަހަރާއަކީ މާލޭގައި މަރުވާ މީހުން ވަޅުލަން މާލޭގެ ހަތަރު އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި މަރުވާ މީހުން ވަޅުލުމަށްޓަކައި ޤާއިމުކުރި ތަނެކެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކުރިއެވެ.
އާސަހަރާއަށް ޒަމާންތަކަކަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާއިރު، މިތަން ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމަވާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއި އެކުގައެވެ.
އާސަހަރާގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، ޕާކުތަކާއި، އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.