ކުޑަކުއްޖަކަށް އަނިޔާކޮށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި ޢިދާރާތަކުގެ ޓީމެއް އއ. ރަސްދޫގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް އަނިޔާކޮށް ގަނާކޮށް ހުތުރުބަހުން ކުއްޖާއާ މުޢާމާލާތުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ޢާންމުވުމާއި ގުޅިގެން އެމަސައްލަ ސީރިއަސްމައްސަލައެއްގެ ގޮތުގައި ވަނީ ތަޙުޤީގުކުރަން ފަށާފައެވެ.
މިމައްސަލައިގަ ފުލުހުންގެ ޚިދުމަތާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ރަސްދޫގައި ދަނީ ހަރަކާތްތެރިވަމުންދާކަމަށް ފުލުހުންގެ ތަރުޖަމާން ވަނީ މިއަދި ވިދާޅުވެފައެވެ.
ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ބެލި ބެލުމުން އެއަމަލު ހިންގާފައިވަނީ އއ. ރަސްދޫ ގައިކަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި ފުލުހުން ވަނީ މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއަށް އަނިޔާކުރި ދެ ކުދިންނަކީ ކޮބައިކަން މިހާރު ދެނެގަނެވިފައިކަން ހާމަކޮށްފައެވެ. އަދި އެއީ 13 އަދި 14 އަހަރުގެ ދެކުދިން ކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
އެކްސްގައިކުރި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ މައްސަލައާ ގުޅިގެން ފުލުހުންނާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޓީމެއް ރަސްދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިމައްސަލައާ ގުޅިގެން އިޖުތިމާޢީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުޑަކުއްޖަކަށް ބިރުދައްކައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުލުހުންނާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.
ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މި ވުޒާރާގެ ސަމާލުކަމަށް އައުމާ އެކު ، ފުލުހުންނާއި ގުޅިގެން މި މައްސަލައާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ވާހަކަ ދަންނަވަމެވެ.
— Ministry of Social and Family Development (@MSFDmv) April 6, 2024
މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސީރިއަސްކަމެއްގެ ގޮތުގައި މައްސަލަ ބަލަމުންދާކަމަށް ވިދާޅުވެ، ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން މަންޒަރު ފެންނަ ވީޑިޔޯ ސޯޝަލް މީޑިޔާގައި ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ރަސްދޫގައި ކުއްޖަކަށް އަނިޔާކުރާ އެވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކުދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ކުރިފަރާތްތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.