ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ.
އެހެންކަމުން އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5432 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ.
• 1250 އަކަފޫޓުގެ 193 ގޯތި
• 1650 އަކަފޫޓުގެ 663 ގޯތި
• 2050 އަކަފޫޓުގެ 487 ގޯތި
• 2450 އަކަފޫޓުގެ 4 ގޯތި
ގެދޮރިވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މި ސައިޒުގެ ގޯތިތައް ލިބިފައިވާ ފަރާތްތަކުން ގޯތި ބަދަލު ކުރުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.
އެގޮތުން، މިމަހުގެ 7 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރިލް ވާ އާދީއްތަ ދުވަހުގެ ރޭ 11:00 އާ ހަމައަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގޯތި ބަދަލު ކުރަން އެދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދޭ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އެތަނުން އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިހާރު ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން 50 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.