ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް, ހަރްކިވަށް ރަޝިޔާއިން ދިން ވަރުގަދަ ޙަމަލާތަކެއްގައި ޢާންމުންގެ ހަ މީހުން މަރުވެއްޖެއެވެ. ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ދީފައިވާ މި ޙަމަލާތަކުގައި އިތުރު 10 މީހުން ޒަޚަމުވިއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ހަރްކިވްގެ ޝެވްޗެންކިވްސްކީ ސަރަޙައްދަށެވެ.
ހަރްކިވްގެ މޭޔަރު އީހޯރް ތެރެޚޮވް ވިދާޅުވީ ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޝެވްޗެންކިވްސްކީގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައެވެ. އަދި, މި ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ނުވަ ޢިމާރާތަކާއި, ތިން ޑޯމިޓަރީއާއި, ސަރުކާރު ޢިމާރާތްތަކުގެ އިތުރުން ފިހާރަތަކާއި ޕެޓްރޯލް ސްޓޭޝަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ޝެވްޗެންކިވްސްކީއަށް ޙަމަލާ ދޭން ރަޝިޔާއިން 32 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން 28 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މީގެ އިތުރުން, ރަޝިޔާއިން ބޭނުން ކުރި ހަ މިސައިލެއްގެ ތެރެއިން ތިން މިސައިލެއް ދިފާޢު ކޮށްފައިވާނެ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ.
ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައި ހަރްކިވް އޮންނަނީ އެ ޤައުމުގެ އިރުއުތުރުގައެވެ. ފަހަކަށް އައިސް ރަޝިޔާއިން ވަނީ އެ ރަށަށް އަމާޒުކޮށް ދޭ މި ފަދަ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. އޭޕްރިލް 3 ވަނަ ދުވަހު ވެސް ރަޝިޔާއިން ވަނީ އެ ރަށަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީ, ޢާންމުންގެ ހަތަރު މީހުން މަރައިލާފައެވެ. އެ ޙަމަލާތަކުގައި ވެސް ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މި ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސްގެ އިސް މުޝީރު އަންދްރީ ޔަރްމަކް ވިދާޅުވީ, ކުރިއަށް އޮތް މޭ އަދި ޖޫން މަހުގެ ތެރޭގައި ޔޫކްރެއިނަށް އަމާޒުކޮށް ދޭ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަން ރަޝިޔާއިން ރާވަމުންދާ ކަމުގައެވެ. އަދި, އެ ޙަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަރްކިވަށް އަތްގަދަ ކުރުން ކަމަށް ބެލެވޭ ކަމުގައެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިގައި އެ ޤައުމުގެ ބައެއް ސަރަހައްދުތަކަށް އަތްގަދަ ކުރިއެވެ. އޭގެ ތެރޭގައި އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުން އެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.