ލުބްނާނުގެ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ދިން ވަރުގަދަ ޙަމަލާތަކެއްގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނެއް ވައްޓައިލައިފިއެވެ. ޙިޒްބުاللهން ޔަހޫދީންގެ އަސްކަރީ ޑްރޯން ވައްޓައިލާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުުޖުން ހިންގަމުންދާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގެ ދަށުންނެވެ.
ޔަހޫދީންގެ އަސްކަރީ ޑްރޯން ވައްޓައިލާފައި ވަނީ ލުބްނާނުގެ ވައިގެ ސަރަޙައްދަށް ވަދެ, ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެއީ, އިސްރާއީލުން އުފައްދާފައިވާ ހަރމީސް 900 މަރުކާގެ ޑްރޯނެކެވެ. ޔަހޫދީންގެ އަސްކަރީ ޑްރޯންތަކުގެ އިތުރުން އަސްކަރީ މަތިންދާބޯޓުތައް ވެސް ދަނީ ލުބްނާނުގެ ވައިގެ ސަރަޙައްދަށް ވަދެ, އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް އަރައިގަންނަމުންނެވެ.
ޑްރޯން ވައްޓައިލުމާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهގެ އަމާޒުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދަކާއި, ލުބްނާނުގެ އިރުމަތީގައި އޮންނަ ރަށެއް ކަމުގައިވާ ބަޢަލަބަކައަށެވެ. ޔަހޫދީން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ މަރުކަޒަކާއި, އެ ޖަމާޢަތުން ބޭނުން ކުރާ އިތުރު ތިން ޢިމާރާތަކަށް ކަމުގައެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ޙިޒްބުاللهގެ އަމާޒުތަކަށް ކަމަށް ބުނެ ޔަހޫދީ ފައުޖުން ދެމުންދާ މި ފަދަ ގިނަ ޙަމަލާތައް ޙަޤީޤަތުގައި އަމާޒު ކުރަމުން ދަނީ ލުބްނާނުގެ ޞިއްޚީ އިދާރާތަކާއި, ޞިއްޙީ ޚިދުމަތްތެރިންނަށެވެ. މީގެ ކުރިން ދީފައިވާ މި ފަދަ ބައެއް ޙަމަލާތަކުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންގެ މަރުކަޒުތައް ސުންނާފަތިކޮށްލައި, އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވެއެވެ.
ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ޙިޒްބުاللهގެ 270އެއްހާ މެންބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވެސް ވަނީ 50އަށް އުފުލިފައެވެ. އަދި, ލުބްނާނުގެ ދެކުުނުގައި ދިރިއުޅޭ 90,000އެއްހާ ރައްޔިތުން ވަނީ ވަގުތީ ހިޔާވަހިކަމަށް ބަދަލުވެފައެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ސިޔާސީ ހައްލެއް ހޯދަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް, ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ފަށާފައިވާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިނުލަނީސް ޔަހޫދީންގެ ޙަމަލާދިނުން މެދުކަނޑައިނުލާނެ ކަމަށް ބުނެ, ޙިޒްބުاللهން ވަނީ އިންޒާރު ދީފައެވެ.