ޚަބަރު

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި


  • ކަދުރު ބެހުން ކުރިއަށްދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި

  • ކަދުރު ބަހާނީ އައިޑީ ކާޑު ހިފައިގެން އައުމުން ގޭބިސީއަކަށް 1 ޕެކެޓު

  • މިފަހަރު 55 ޓަނުގެ ކަދުރު ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވޭ

ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބަހަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކަމަށެވެ. އަދި އައިޑީ ކާޑު ހިފައިގެން ދިއުމުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ މެންދުރު 13:00އިން މެންދުރުފަހު 15:00އަށެވެ. އަދި މިމަހުގެ 14އިން 18އަށް ކޮންމެ ދުވަހަކު މެންދުރު 13:00އިން މެންދުރުފަހު 15:00އަށެވެ. އަދި މިމަހުގެ 23އިން 25އަށް ކޮންމެ ދުވަހަކު ހެނދުނު 9:30އިން މެންދުރު 12:00އަށެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ. ކަދުރުތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ޙަވާލުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހުއެވެ. މި 55 ޓަނުގެ ތެރެއިން 50 ޓަނަކީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރެވެ. އަދި 5 ޓަނަކީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރެވެ.

ސަޢުދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމަށް މިއަދު ފަށާފައިވާއިރު މާލެ ސިޓީން ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ފަޤީރުންނާއި މިސްކީނުންނަށް ބެހުންވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ފައްޓަވާފައެވެ. ގޮވާން ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގައެވެ.