އދގެ މެންބަރު ކަން ހޯދުމަށް އެދި ފަލަސްޠީނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އދގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކަށް ފޮނުވައިފިއެވެ. ފަލަސްޠީނުގެ ހުށަހެޅުން ކޮމިޓީއަށް ފޮނުވާފައި ވަނީ މި ހިނގާ އޭޕްރިލް މަހު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މޯލްޓާއިންނެވެ.
އެ ޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެނެއްސާ ފްރޭޜަރ ވިދާޅުވީ, އދގެ މެންބަރު ކަން ހޯދުމަށް އެދި ފަލަސްޠީނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް, ސަލާމަތީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައެވެ. އަދި, އޭޕްރިލް މަހުގެ ތެރޭގައި މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ހުށަހަޅާފައިވާ ކަމުގައެވެ. އޭޕްރިލް 18ގެ ކުރިން މި ކަމާ މެދު ކޮމިޓީން ނިންމުމެއް ނިންމާނެ ކަމަށް ބެލެވެއެވެ.
"ފަލަސްޠީނަށް އދގެ އޮބްޒަރވަރެއްގެ ދަރަޖަ ދީފައި ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން. އަޅުގަނޑުމެންގެ އުންމީދަކީ, [ފަލަސްޠީނާއި އިސްރާއީލުގެ] މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަށް ގޮވައިލަމުންދާ ގޮވައިލުމަށް އިޖާބަދީ, ފަލަސްޠީނަކީ އދގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުން،" ފަލަސްޠީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާޟު މަންޞޫރު ވިދާޅުވިއެވެ.
އދގެ މެންބަރު ކަން ހޯދުމަށް އެދި ފަލަސްޠީނުން އަލުން ހުށަހަޅާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އެ ކަމަށް އެދި ފަލަސްޠީނުން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2011 ވަނަ އަހަރުއެވެ. ނަމަވެސް, މިހާތަނަށް ފަލަސްޠީނަށް ދީފައި އޮތީ އޮބްޒަރވަރެއްގެ ދަރަޖަ އެކަންޏެވެ.
އދގެ މެންބަރު ކަން ޤައުމުތަކަށް ދިނުމާ ގުޅޭ ގޮތުން ގޮތް ނިންމާ ކޮމިޓީގައި ވެސް, ސަލާމަތީ މަޖިލީހުގެ 15 މެންބަރުން ތަމްސީލު ކުރާ އޮފިޝަލުން ހިމެނެއެެވެ. ފަލަސްޠީނުގެ މެންބަރުކަމާ މެދު އެ ކޮމިޓީއަށް ދެ ގޮތަކަށް ނިންމިދާނެއެވެ. އެއް ގޮތަކީ, އެ މައްސަލަ ކުރިއަށް ނުގެންގޮސް ފައިލް ކުރުމެވެ. ދެ ވަނަ ގޮތަކީ, އެ ކަމާ މެދު ސަލާމަތީ މަޖިލީހުގައި ވޯޓަކަށް އެހުމަށް ހުށަހެޅުމެވެ.
ޤައުމަކަށް މެންބަރު ކަން ދިނުމަށް ފާސްވާނީ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. އެ ކަން ފާސްވުމަށް އެ މަޖިލީހުގެ ނުވަ މެންބަރުންގެ ތާޢީދު ބޭނުންވާނެއެވެ. ނަމަވެސް, ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ފަސް ޤައުމަކުން ކުރެ ޤައުމަކުން ވީޓޯކޮށްފި ނަމަ, އެ ހުށަހެޅުމެއް ފޭލުވާނެއެވެ.
މި ކަމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގައި ވޯޓަކަށް އަހައިފި ނަމަ, އެ ކަމާ އެންމެ ފުރަތަމަ ވެސް ދެކޮޅު ހަދާނެ ޤައުމަކީ އެމެރިކާއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރަން އެމެރިކާއިން ފުރުޞަތެއް ނުދޭނެއެވެ. ޔަހޫދީންނާއި ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެމެރިކާއިން އަޅާނެއެވެ.
އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުން ނެތި ކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. މި ޢުދުވާން ހިންގުމަށް ބޭނުންވާ ނުރައްކާތެރި މިސައިލްތަކާއި, ބޮންތަކާއި, އެހެނިހެން ހަތިޔާރާއި އަސްކަރީ މަތިންދާބޯޓުތައް ޔަހޫދީންނަށް ފޯރުކޮށްދީގެން އެމެރިކާއިން ދަނީ ޢުދުވާނުގައި ބައިވެރިވަމުންނެވެ. އަދި, ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އދގެ ސަލާމަތީ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ.