ޚަބަރު

މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޑރ. ޝަހީމް


  • ޑރ. ޝަހީމް މަޤާމަށް އައްޔަންކުރެއްވީ މުސްލިމު ވޯލްޑް ލީގުގެ އެސްޖީ

  • މުސްލިމު ވޯލްޑް ލީގަކީ އިސްލާމީ ޝަޚުސިއްޔަތުތައް ހިމެނޭ އެންމެ ބޮޑު ޖަމިއްޔާ

  • ޑރ. ޝަހީމް ވަނީ އޯއައިސީގެ އެޑްވައިޒަރުގެ މަޤާމުވެސް އަދާކުރައްވާފައި

ދުނިޔޭގެ އިސްލާމީ ޝަޚުސިއްޔަތުތައް ހިމެނޭ ސަޢުދީ ޢަރަބިއްޔާގެ ޖަމިއްޔާއެއްކަމަށްވާ މުސްލިމު ވޯލްޑް ލީގު ނުވަތަ ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހަށް ވަޒީރު ޑރ.ޝަހީމް ޢައްޔަންކުރެއްވެވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށެވެ.

ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ މަޖިލީހެކެވެ. އަދި މި ޖަމިއްޔާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރު ޝަހީމް ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖިލީހަށް ޢައްޔަންކުރައްވާފައިވާއިރު، އެމަނިކުފާނަކީ ދުނިޔޭގައި އިސްލާމީވަންތަކަން ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމަށްވާ އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯރޕަރޭޝަން އޯއައިސީގެ އެޑްވައިޒަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.