ޒަކާތު ފަންޑުން ޣައްޒާއަށް 1.5 މިލިޔަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. އަދި މިއީ ބޭރުގެ ފަރާތްތަކަކަށް ޒަކާތު ފަންޑުން ފޮނުވާ ފުރަތަމަ އެހީކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ޣައްޒާއަށް ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި މި އެހީއަކީ ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗަށް ހޭދަކުރުމަށް ފޮނުވޭ އެހީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެހީ ހަމަޖައްސަވަނީ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޤައުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ.
ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ޢުދުވާންތައް ހުއްޓާލަން ގޮވާލާ އދގެ ސަލާމަތީ މަޖިލީހުންވަނީ ޤަރާރެއް ފާސްކޮށްފައެވެ.
އޮކްޓޫބަރު 7އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 33,137އަށް އަރާފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,815އަށް އަރާފައެވެ.