ޚަބަރު

މާބައިދޫ ކައުންސިލުން ރައީސަށް ދެންނެވީ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަން


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. މާބައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ދަނބިދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މާބައިދޫ ކައުންސިލުން ވަނީ ރަށުގައި ބޭންކިންގ ޚިދުމަތް ލިބުމާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަން ހިއްސާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާއަށާއި ލާމު އަތޮޅު މަދަރުސާއަށް އައު އިމާރާތެއް ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގެ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށު ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާއާއި އެކު ބޭއްވެވި ބައްދަލުވުމުގައި ލ. މާބައިދޫ އ.ތ.މ ކޮމިޓީގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި އެކޮމިޓީ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.