މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 338 އުޅަނދު ނަގާ ޓޯކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ގަވައިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ފުލުހުންނާ ގުޅިގެންނެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް 338 އުޅަނދު ނަގާ ޓޯކޮށްފައިވާ ކަމަށެވެ. އަދި ޓޯކުރި އުޅަނދުތަކުގެ ތެރެއިން 202 އުޅަނދު މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ. ބާކީ ޓޯޔާޑުގައިހުރީ 106 އުޅަނދުކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި މަސައްކަތާ ގުޅޭގޮތުން މީގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ ބައެއް ސަރަޙައްދުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބަލަމުންދާ ކަމަށެވެ. އެގޮތުން ގްރީން ޒޯނާއި ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ފުރަތަމަ ބައި ބުރު ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.