ޚަބަރު

ހުރްމުޛް ކަނޑުން ދަތުރުކުރި ޔަހޫދީންގެ އާގުބޯޓެއް ހިފަހައްޓައިފި


ހުރްމުޛް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގުބޯޓެއް ހިފަހައްޓައިފިއެވެ. އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ފުޖަޔިރާގެ އިރުއުތުރުން ދަތުރު ކުރަމުން ދަނިކޮށް ހިފަހައްޓާފައި ވަނީ އެމްއެސްސީ އޭރީޒްގެ ނަން ދީފައިވާ އުޅަނދެކެވެ. އެއީ, ޔަހޫދީ ވިޔަފާރިވެރިއެއް ކަމުގައިވާ އެއްޔާލް އޮފެންގެ ކުންފުނި, ޒޮޑިޔެކް މެރިޓައިމްގެ އުޅަނދެކެވެ.

ކަނޑުމަގުން ކުރާ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާ (ޔޫކޭއެމްޓީއޯ)ންގެ ބުނީ, އެމްއެސްސީ އޭރީޒް ހިފަހައްޓާފައި ވަނީ ފުޖަޔިރާގެ އިރުއުތުރުން 50 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އެއީ, ގަލްފް އޮފް އޮމާނާއި ޕަރޜިޔަން ގަލްފް ކަނޑު ގުޅޭ ސަރަޙައްދެވެ.

ކަނޑު އުޅަނދުފަހަރަށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި, އެމްބްރީން ބުނީ އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް "ޤައުމެއްގެ ކަމާ ގުޅޭ އިދާރާގެ" އޮފިޝަލުން އަރައި, އުޅަނދު ހިފަހައްޓާފައިވާ ކަމުގައެވެ. ނަމަވެސް, އެއީ ކޮން ޤައުމެއްގެ އޮފިޝަލުންނެއް ކަން ސާފުކޮށްދީފައެއް ނޫނެވެ. އެއީ އީރާނުގެ އޮފިޝަލުން ކަމަށް ބެލެވުނު ނަމަވެސް އީރާނުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެމްއެސްސީ އޭރީޒް ހިފަހައްޓާފައި މި ވަނީ, ހުރްމުޛް ކަނޑު ބަންދުކޮށް, އެ ސަރަޙައްދުން ދަތުރު ކުރާ އާގުބޯޓުފަހަރު ހިފަހައްޓާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ. މި ކަން ހާމަ ކޮށްފައި ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކަނޑުގެ ސިފައިންގެ ކޮމާންޑާރު ޢަލީ ރިޟާ ތަނިކްސީރީއެވެ.

ތަނިކްސީރީ ވިދާޅުވީ, ޔޫއޭއީގައި އިސްރާއީލުގެ ޔަހޫދީ ފައުޖުން ހަރަކާތްތެރިވަމުންދާ ކަމަށާއި, އެއީ އީރާނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. ހުރްމުޛް ކަނޑަކީ އީރާނާއި ޔޫއޭއީއާ ދެމެދުގައި އޮންނަ ކަނޑެކެވެ. އީރާނުގެ ޔަހޫދީ ފައުޖުގެ ސިފައިން ޔޫއޭއީގައި ހަރަކާތްތެރިވަމުންދާ ކަމުގައި އީރާނުން ބުނާއިރު, ޔޫއޭއީއާއި ޔަހޫދީންނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ.

ހުރްމުޛް ކަނޑު ބަންދު ކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފައި މި ވަނީ, ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއްދީ, އައިއާރްޖީސީގެ ހަތް ސިފައިން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ އޭޕްރިލް 1 ވަނަ ދުވަހު ދިން ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ, ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. މި އިންޒާރާ އެކު ޔަހޫދީން ވަނީ ބިރުން ފިތްކެނޑެން ފަށާފައެވެ.

ކޮންސިޔުލޭޓަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އީރާނުން ޒަޔަނިސްޓު އިސްރާއީލަށް ޙަމަލާދޭނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އީރާނުން ދީފާނެ ޙަމަލާއެއް ދިފާޢު ކުރުމުގެ ގޮތުން ޔަހޫދީން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ގޮތުން, އީރާނުގެ މިސައިލްތަކާއި ޑްރޯންތަކަށް އޮޅުވައިލުމުގެ ބޭނުމުގައި އިސްރާއީލުގެ ރަށްތަކުން ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލުމާއި, ޗުއްޓީގައި ތިބި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ތައްޔާރީ ހާލަތަކަށް ގެނައުން ހިމެނެއެވެ.

ދިމިޝްޤަށް ޙަމަލާދީ އައިއާރްޖީސީގެ ހަތް ސިފައިން ޝަހީދު ކޮށްލި ޙަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަޞްރަޙު ވަނީ ހޫނުވެފައެވެ. އެ ޙަމަލާއާ ދިމާކޮށް, ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ދާދި ފަހުން ވަނީ އިސްރާއީލުގެ އުތުރުގައިވާ ރަށްތަކުގެ އިތުރުން ޖޫލާންގެ އުސް ބިންތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ, އަދި ނުރައްކާތެރި ރޮކެޓް ޙަމަލާތަކެއް ދީފައެވެ. ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށް ބެލެވެއެވެ.