ޚަބަރު

ފެންބޮޑުވެ ގެއްލުންވި މާލޭގެ 5 ގޭބިސީއެއްގެ 34 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުންވި 5 ގެއެއްގެ 34 މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، އެ އޮތޯރިޓީން ހެދި ރެޕިޑް އެސެސްމަންޓުން އާންމުންނަށް އުޅެން ދަތިވާ ގޮތަށް ހުރި 9 ތަނެއް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، 5 ގެއެއްގައި ފެން ބޮޑުވުމުގެ ސަބަބުން ނާރުދަމާގެ މައްސަލަ ފެންމަތިވެ އެގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށާއި އޭގެތެރޭގައި 11 ކުޑަކުދިން ހިމެނޭ ކަމަށް އެ އޮތޯރިޓީ އިން މަޢުލޫމާތުދެއްވިއެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މާލޭއިން މިހާތަނަށް 85 ގެއަކުން އެހީތެރިކަމަށް އެދިފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް ޖުމްލަ 495 ވެލި ބަސްތާ ޖަހައިދީފާކަމަށް އެއޮތޯރިޓީން ބުނެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ މާލެ އެކި ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، 7 ސަރަހައްދެއްގައި 15 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީެފުން ވިދާޅުވިއެވެ.


މާލޭއަށް ބޯކޯށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކައި ފިހާރަފަދަ ތަންތަނަށް ފެންވަންމުންދާތީ ފުލުހުންގެ ޚިދުމަތުންވަނީ ވަނީ މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ދަންނަވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް ގަޑިތަކުގައި މާލެ ސަރަހައްދަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި، އެންމެ ބޮޑަށް ވިއްސާރަކުރާނީ މ، ތ، އަދި ލ.އަތޮޅަށް ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.