އީރާނުން ޒަޔަނިސްޓު އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މިއީ, އޭޕްރިލް 1 ވަނަ ދުވަހު ޔަހޫދީ ފައުޖުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ, އީރާނުގެ ހަތް ސިފައިން ޝަހީދުކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ.
ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާދޭން އީރާނުން 300އެއްހާ ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވެއެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު ޔަހޫދީން ވަނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަތިޔާރު ދިފާޢުކޮށް ވައްޓައިލާފައެވެ.
އީރާނުގެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ޔަހޫދީ އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް, މި ޙަމަލާތަކުގައި ޒަޔަނިސްޓުންގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވި ކަމަށާއި, ހަތް އަހަރުގެ ކުއްޖަކު ޒަޚަމުވި ކަމުގައި ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. ގެއްލުންވެފައި ވަނީ އިސްރާއީލުގެ ދެކުނުގެ ރަށެއްގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ.
އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި މި ވަނީ, މި ފަދަ ޙަމަލާއެއް ދިފާޢު ކުރުމަށް ތައްޔާރުވުމުގެ ގޮތުން ޔަހޫދީން ފިޔަވަޅުތައް އަޅަމުންދިޔަ ދަނޑިވަޅެއްގައެވެ. މި ގޮތުން, އީރާނުގެ ޑްރޯންތަކާއި މިސައިލްތަކަށް އޮޅުވައިލުމުގެ ގޮތުން ޔަހޫދީން ވަނީ ރަށްތަކުން ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލާފައެވެ. އަދި, ސިފައިންނަށް ޗުއްޓީ ދިނުން މެދުކަނޑައިލައި, ރިޒަރވް ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އީރާނުން މިސައިލާއި ޑްރޯންތައް އުދުއްސައިލުމާ އެކު, ޔަހޫދީންގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަން ފެށިއެވެ. އަދި, ތެލް އަވީވާއި ހުޅަނގު ބައިތުލްމަޤްދިސް ފަދަ ރަށްތަކުގައި ދިރިއުޅޭ ޔަހޫދީން ވަނީ, "ސޭފް ރޫމާއި" ބިންގަރާސް ފަދަ ތަންތަނަށް ވަދެ, ރައްކާތެރި ކަން ހޯދާފައެވެ. އެ ދެ ރަށް ވަނީ މިސައިލާއި ޑްރޯންގެ އަޑުފައްގަނޑުން ގުގުމައިލާފައެވެ.
ޒަޔަނިސްޓު އިސްރާއީލަށް ޙަމަލާ ދޭން އީރާނުން ފޮނުވައިލި މިސައިލާއި ޑްރޯންތައް އުދުއްސައިލާފައި ވަނީ ހަމައެކަނި އީރާނުގެ ސަރަޙައްދަކުން ނޫނެވެ. ޢިރާޤާއި ޔަމަނުގެ ސަރަޙައްދުގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ ފައުޖުތަކުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތައް އުދުއްސައިލާފައެވެ.
މިއީ, ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ, އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދިނުމުން, ޔަހޫދީން ވަނީ ބިރުން ފިތްކެނޑި, ތެޅިފޮޅެން ފަށާފައެވެ.
އދގައި ހުންނަ އީރާނުގެ މިޝަނުން ބުނީ, އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލި ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ޔަހޫދީންގެ ރަށްތަކަށް ދީފައިވާ ޙަމަލާއާ އެކު, މި މައްސަލަ ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލު ކުރާ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން އިތުރު ގޯހެއް ހަދައިފި ނަމަ, އީރާނުން އަނެއްކާ ވެސް ރައްދުގައި ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައެވެ.
މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައި ވަނީ, ޔަހޫދީ ފައުޖުން އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. އަދި, ދިމިޝްޤަށް ޙަމަލާދީ ޔަހޫދީ ފައުޖުން އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލުމާ އެކު, މަސްރަޙު މި ވަނީ އިތުރަށް ހޫނުވެފައެވެ. އަދި, މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައެވެ.
އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުމުން އެމެރިކާއާއި, އިނގިރޭސިވިލާތާއި, ޗެކް ރިޕަބްލިކާއި, ޑެންމާކާއި, ފަރަންސޭސިވިލާތާއި, މެކްސިކޯގެ އިތުރުން ނެދަލެންޑްސާއި ނޯވޭން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. ސަޢޫދީ ޢަރަބިއްޔާއާއި މިޞްރުން ވަނީ ޙަމަލާތައް މަޑުޖައްސައިލައި, ސިޔާސީ ހައްލެއް ހޯދަން ގޮވައިލާފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ އީރާނުގެ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު ދްމީތްރީ ޕޮލިޔަންސްކީ ވިދާޅުވީ, އިސްރާއީލަށް ޙަމަލާ ދީފައި ވަނީ އަމިއްލަ ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކަމަށް ބުނެ އީރާނުން އދގެ ސަލާމަތީ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައެވެ. އަދި, އިސްރާއީލުން ރައްދު ދީފި ނަމަ, އިތުރު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ކަމުގައެވެ.
އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަދި, ޔަހޫދީންގެ ފުރާނައާއި މަސްލަޙަތު ހިމާޔަތް ކޮށްދިނުމަށް އެމެރިކާއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ޢުދުވާން ހިންގަމުން ދަނީ ބައިޑަންގެ ރުހުމާއި އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.