ޚަބަރު

ޖީ7ން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި


އެންމެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ޤައުމުތައް ގުޅިގެން އީރާނާ ދެކޮޅަށް ޚާރިޖީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ, އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޒާރު ދެއްވައިފިއެވެ. އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބައިޑަން ދެއްވާފައި މި ވަނީ, އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

އީރާނުން ވަނީ ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން 300އެއްހާ ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ އެހީތެރިކަމާ އެކު ޔަހޫދީން ވަނީ އީރާނުގެ ގިނަ ޙަމަލާތައް ދިފާޢުކޮށްފައެވެ. އަދި, ގިނަ ޑްރޯންތަކާއި މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައެވެ.

އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި މި ވަނީ, ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް މެންބަރުން ޝަހީދު ކޮށްލުމާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދިނުމުން, ޔަހޫދީން ވަނީ ބިރުން ފިތްކެނޑި, ތެޅިފޮޅެން ފަށާފައެވެ. އަދި, ދިފާޢީ ނިޒާމު ވަރުގަދަކޮށް, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެން, ބައިޑަން ވަނީ އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި, ހިތްވަރު ދެއްވާފައެވެ. އަދި, ޔަހޫދީންނާއި, އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

"އީރާނުގެ ޙަމަލާތައް ދިފާޢު ކުުރުމުގައި [ޒަޔަނިސްޓު] އިސްރާއީލުން ދައްކާފައިވާ ގާބިލު ކަމަށް އަޅުގަނޑު ތާރީފު ކުރިން. އެއީ, އިސްރާއީލުގެ އަސްކަރީ އަދި ދިފާޢީ ގާބިލުކަން ހާމަކޮށްދިން ވަރުގަދަ މެސެޖެއް. މާދަމާ އަޅުގަނޑު ޖީ7ގެ މެންބަރުންނާ އެކު އީރާނުގެ ޙަމަލާތަކަށް ރައްދު ދޭނެ ގޮތަކާ މެދު މަޝްވަރާ ކުރާނަން،" ވައިޓް ހައުސުން ނެރުނު ބަޔާނެއްގައި ބައިޑަން ވިދާޅުވިއެވެ.

ދިމިޝްޤަށް ޙަމަލާދީ އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދިނުމާ އެކު, ބައިޑަން ވަނީ ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން ފިޔަވަޅުތައް އަޅުއްވާފައެވެ. މި ގޮތުން, އެމެރިކާގެ އަސްކަރީ މަަތިންދާބޯޓުތަކާއި, ބެލިސްޓިކް މިސައިލް ޙަމަލާތައް ދިފާޢު ކުރަން ބޭނުން ކުރާ މަނަވަރުތައް އީރާނުގެ ހިމާޔަތަށް ފޮނުވަން އަމުރު ކުރެއްވިއެވެ.

"އީރާނުގެ ޙަމަލާތައް އިސްރާއީލަށް ދިފާޢު ކުރެވުނީ, އަޅުގަނޑުމެންގެ [އެމެރިކާގެ އަސްކަރިއްޔާގެ] ހިތްވަރުގަދަ ސިފައިންގެ އެހީތެރިކަމާ އެކު. އިސްރާއީލަށް ޙަމަލާ ދޭން އީރާނުން ފޮނުވައިލި ގިނަ ޑްރޯނާއި މިސައިލް ދިފާޢުކޮށް, ވައްޓައިލަން އަޅުގަނޑުމެން ވާނީ އެހީތެރިވެދީފައި. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ތައްޔާރީ ހާލަތެއްގައި ތިބޭނަން،" ބައިޑަން ވިދާޅުވިއެވެ.

އީރާނުން ދީފައިވާ ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުން ވެސް އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީފާނެ ކަމަށް ބެލެވެއެވެ. ނަމަވެސް, އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އެކްސިއޯސް ނޫހުން ބުނީ, ބަދަލު ހިފުމުގެ ގޮތުން އީރާނަށް ޙަމަލާ ނުދިނުމަށް ބައިޑަން ޖައްބާރު ނަތަންޔާހޫއަށް އިރުޝާދު ދެއްވާފައިވާ ކަމުގައެވެ.

އީރާނުން ދީފައިވާ ޙަމަލާތަކުގައި ލިބުނު ގެއްލުމުގެ ފުރިހަމަ މަޢުލޫމާތު ހާމަ ކުރަން ޔަހޫދީ ސަރުކާރާއި އަސްކަރިއްޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, އިސްރާއީލުގެ ދެކުނުގައި އޮންނަ ރަށެއްގައި އޮންނަ އަސްކަރީ މަރުކަޒަކަށް ގެއްލުންތަކެއް ލިބުނު ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދެއެވެ.