ޚަބަރު

އއ.ތޮއްޑޫގެ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވައިފި


  • މިޕްރޮޖެކްޓްގައި 2.2 ކިލޯމީޓަރުގެ މަގު ހަދާނެ

  • ތޮއްޑުއަކީ ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ރަށެއް

  • މި ޕްރޮޖެކްޓް ނިންމަން ހަވާލުކުރީ 2 އަހަރުގެ މުއްދަތެއް

އއ.ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފިއެވެ. ތޮއްޑޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

ތޮއްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި ވެހިކަލްގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް އާރްޑީސީން މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ.

މިޕްރޮޖެކްޓްގައި ތޮއްޑޫގެ 2.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަގުތަކުގައި ފެން ހިއްދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މީގެތެރޭގައި ހިމެނެއެވެ.

މިޕްރޮޖެކްޓަކީ ސަރުކާރުން 77.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިޕްރޮޖެކްޓް ނިންމުމަށް ހަވާލުކުރީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

މިމަޝްރޫޢުގެ ދަށުން ތޮއްޑޫގެ ބޮޑު މަގާއި ސަރުކާރުގެ ޚިދުމަތްތައް ޤާއިމުކޮށްފައިވާ އޮފީސްތައް ހިމެނޭ މަގުތައް އަދި އާއްމުކޮށް ރަށުގައި ބޭނުންކުރާ މަގުތައް ތަރައްޤީކުރާނެއެވެ.

ތޮއްޑުއަކީ އަޑިގުޑަންވުމާއި އަދި ބިންގަނޑު ހަރުވުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ތަކުލީފު ވަރަށް ބޮޑަށް ކުރިމަތިވާ ރަށެކެވެ. މަގުތަކުން ފެން ނުހިނދުމާއި މަގުތައް ޗަކަވުމުގެ މައްސަލަ ބޮޑު ރަށެކެވެ. މަގުހެދުމުގެ މަޝްރޫޢާއެކު ރަށުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.

ތޮއްޑުއަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި 50އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުން އާދެއެވެ. ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުމަކީ ވިއްސާރައިގައި ފެންބޮޑުވާ މަސައްލައަށް ޙައްލު ލިބި، ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމުގައިވެސް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ރަށުގެ ކައުންސިލުން ދެކެއެވެ.