ޚަބަރު

އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


  • އަލިފުށީގެ މަގު ހެދުމުގެ މަސައްކަތަށް 90 މިލިއަން ރުފިޔާ ޚަރަދުވޭ

  • 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ

  • މަގުތަކުގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެ

ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ޒަމާނީ ފެންވަރަށް އަލިފުށީގެ މަގު ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 540 ދުވަހުން ނިންމާ ގޮތަށެވެ.

އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި މަސައްކަތަކީ 90 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި މައްގު ބައްތި ޖެހުން ހިމެނެއެވެ.

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ބޮޑެތި މަގުތަކާއި ޢާންމު ޚިދުމަތްތައް ދޭ އިދާރަތަށް ހުރި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަލިފުށީ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމަވާފައެވެ. އެގޮތުން ސިޓީތަކުގެ ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެހެން ރަށްތަކުގައި ޢާންމުކޮށް ބޭނުންކުރާ ބޮޑެތި ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ.