ޚަބަރު

ސުލަވެސީގެ ބިންގަނޑު ކެނޑި 18 މީހުން މަރުވެއްޖެ


އިންޑޮނީޝިޔާގެ ސުލަވެސީ ޕުރޮވިންސަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ބިންގަނޑު ކެނޑި, ކިސަޑު ފޭބުމުގެ ސަބަބުން 18 މީހުން މަރުވެއްޖެއެވެ. ދެކުނު ސުލަވެސީގެ ސަރުކާރުން ބުނީ, ބިންގަނޑު ކެނޑުމުގެ ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ބިންގަނޑު ކެނޑުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ދެކުނު ސުލަވެސީގެ ތާނާ ތޮރާޖާގެ ދެ އަވަށަކަށެވެ. އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, ބިންގަނޑު ކެނޑުމާ އެކު ތާނާ ރޮރާޖާގެ ދެ އަވަށަކުން ހަތަރު ގެ ވެއްޓި, ސުންނާފަތިވެފައިވާ ކަމުގައެވެ. އަދި, އެ ސަރަޙައްދުގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

މި ހާދިސާތަކުގައި ޒަޚަމުވި ދެ މީހެއްގެ ހާލު ސީރިޔަސް ކަމަށާއި, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އެ ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމުގައި ދެކުނު ސުލަވެސީގެ ސަރުކާރުން ބުންޏެވެ. ބިންގަނޑު ކެނޑުމުގެ ހާދިސާ ކުރިމަތިި ސަރަޙައްދަށް އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން މި ހާދިސާގައި ގެއްލުނު ކަމަށް ބެލެވޭ ދެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ތާނާ ތޮރާޖާ އޮންނަނީ ސުލަވެސީ ޕުރޮވިންސުގެ ވެރިރަށް މަކަސާއާ 300 ކިލޯމީޓަރު ދުރުގައި, ފަރުބަދަމަތީ ސަރަޙައްދެއްގައެވެ. ހުސްވި މާރިޗު މަހު ވެސް, ސުލަވެސީއަށް ބޯކޮށް ވާރޭވެހި, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, އެކި ހާދިސާތަކާ ގުޅިގެން 26 މީހެއްގެ ފުރާނަ ގެއްލި, 100އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބުނެވެ.