ޚަބަރު

އިނގިރޭސިންނާއި ފަރަންސޭސިން ވެސް އީރާނަށް ޙަމަލާ ދިނުމާ ދެކޮޅު


އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ވަރުގަދަ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އެ ޤައުމަށް ޙަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބުނެފިއެވެ. އީރާނުން ވަނީ 300 ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޔަހޫދީންގެ ރަށްތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ.

އީރާނުގެ ޙަމަލާތަކަކީ, ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ވައިގެ ޙަމަލާތަކެއްދީ, އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް މެންބަރުން ޝަހީދު ކޮށްލުމުން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ. އޭޕްރިލް 14 ވަނަ ދުވަހު އީރާނުން ދީފައިވާ ގިނަ ޙަމަލާތައް ޔަހޫދީ ފައުޖުން ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު ދިފާޢު ކޮށްފައެވެ. އުރުދުނުން ވެސް ވަނީ މި ކަމުގައި ޔަހޫދީންނަށް އެއްބާރުލުން ދީފައެވެ.

މި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާ މެދު ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި, އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުން ވަނީ އީރާނަށް ޙަމަލާ ދިނުމާ ދެކޮޅަށް އަޑު އުފުލާފައެވެ. މި ކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ, އީރާނަށް ޙަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި, މި ކަމާ މެދު "ހިތާއި ސިކުނޑިން" ފުންކޮށް ވިސްނަން ޖެހޭ ކަމުގައެވެ.

އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަން ވެސް އޭނާ ހަނދާން ކޮށްދެއްވިއެވެ. "އެ މީހުންނަށް [ޔަހޫދީންނަށް] ޙަމަލާ ދިނުމުން, އެ ކަމުގެ ބަދަލު ހިފުމަކީ އެ މީހުންނަށް ލިބިގެންވާ ޙައްޤެއް ކަން ގަބޫލު ކުރަން. ނަމަވެސް, ގާތް ރަޙުމަތްތެރިއެއްގެ ހައިޞިއްޔަތުން މި ގޮވައިލަނީ މި ކަމާ މެދު ހިތާއި ސިކުންޑިން ފުންކޮށް ވިސްނުމަށް،" ކެމަރަން ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި, މަސްރަޙު އިތުރަށް ގޯސްވާނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ވެސް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "ގިނަ ގޮތްގޮތުން ބަލާއިރު މިއީ އީރާނަށް ލިބުނު ނާކާމިޔާބީއެއް. އެ މީހުންގެ [އީރާނުގެ] ޙަމަލާތައް ވަނީ ފޭލުވެފައި. [ޙަމަލާތަކުން] ހާމަވީ އެ މީހުންނަކީ [އީރާނަކީ] އެ ސަރަޙައްދުގައި ގޯސް ހަދާ ބަޔެއް ކަން. އަޅުގަނޑުމެންގެ އުންމީދަކީ އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން [ޔަހޫދީން] ރައްދު ޙަމަލާއެއް ނުދިނުން،" ކެމަރަން ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން. މަސްރަޙު އިތުރަށް ގޯސްވުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް،" މެކްޚޮން ވިދާޅުވިއެވެ.

އީރާނުގެ ކިބައިން ބަދަލު ހިފުމާ އެމެރިކާއިން ވެސް ދެކޮޅު ކަމަށާއި, ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން އަޅާ އެއްވެސް ފިޔަވަޅެއްގައި, އަދި އެއްވެސް ޙަމަލާއެއްގައި ބައިވެރި ނުވާނެ ކަން އެމެރިކާއިން ވެސް ވަނީ ހާމަކޮށްފައެވެ. ވައިޓް ހައުސުން ބުނީ, އެމެރިކާގެ ރައީސް ޖޯ ބައިޑަން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެ ކަން އަންގަވާފައިވާ ކަމުގައެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި މި ވަނީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާއި, އޭޕްރިލް 1 ވަނަ ދުވަހު ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. ޣައްޒާގައި ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 33,797އަށް އުފުލިފައިވާއިރު, ދިިމިޝްޤަށް ދިން ޙަމަލާގައި ޔަހޫދީން ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް މެންބަރުން ޝަހީދު ކޮށްލާފައެވެ.