ޚަބަރު

މެދުއިރުމަތީގެ ސުލްޙަ ދަމަހައްޓަން ޢިރާޤުގެ އަލް-ސުދާނީ ގޮވައިލައްވައިފި


އީރާނާއި ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީންނާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައިވާ މި ދަނޑިވަޅުގައި, މެދުއިރުމަތީގެ ސުލްޙަ ދަމަހައްޓަން ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރުމަށް ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ, އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަނާ ބައްދަލު ކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޢިރާޤަކީ, ވޮޝިންގޓަނާއި ތެހެރާނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. "[މެދުއިރުމަތީގައި] ހަމަނުޖެހުން ފުޅާވުން ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރަން އަޅުގަނޑުމެން ބާރުއަޅަން. ޚާއްޞަ ގޮތެއްގައި, އެންމެ ފަހުން ހިނގާފައިވާ ކަންކަމާ ގުޅުވައި،" ބައިޑަނާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަަފުޅު ދައްކަވަމުން ސުދާނީ ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ސުދާނީ ހުރިހާ ފަރާތަކަށް ގޮވައިލައްވާފައި މި ވަނީ, އޭޕްރިލް 14ވަނަ ދުވަހު އީރާނުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި, އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ރައްދު ޙަމަލާ ދިނުމާ މެދު ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި މި ވަނީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާއި, އޭޕްރިލް 1 ވަނަ ދުވަހު ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. އީރާނުގެ ކޮންސިޔުލޭޓަށް ދިން ޙަމަލާގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލިއެވެ. 300 ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށް އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޢިރާޤުގެ ވައިގެ ސަރަޙައްދު ބޭނުން ކޮށްފައިވެއެވެ. ސުދާނީ ވިދާޅުވީ, ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ކުރިން, އެ ކަމުގެ މަޢުލޫމާތު އީރާނުން ޢިރާޤުގެ ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމަށާއި, ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދިފައިވާ ކަމުގައެވެ.

"މެދުއިރުމަތީގެ މަސްރަޙާ މެދު އަޅުގަނޑުމެންނާއި [އެމެރިކާއާ ދެމެދު] ޚިޔާލު ތަފާތުވުންތަކެއް ހުރި ކަން ގަބޫލު ކުރަން. ނަމަވެސް, ބައިނަލްއަޤުވާމީ ޤާނޫނުތަކާއި, އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކަށް އިޙުތިރާމު ކުރުމަށާއި, އެ ޤާނޫނުތައް ދަމަހައްޓައި ހިމާޔަތް ކުރުމަށާއި, ޢާންމު ރައްޔިތުންނާއި, އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އަޅުގަނޑުމެން އެއްބަސްވަން،" ބައިޑަން އަރިހުގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަމުން ސުދާނީ ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ, ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރަން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެންނަން ވެސް އެމެރިކާއިން ބޭނުންވާ ކަމުގައެވެ.

"ޢުދުވާންތައް މެދުކަނޑައިލައި, [ޙަމާސްގެ މުޖާހިދުން ރަހީނު ކޮށްފައިވާ] ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި އަޅުގަނޑުމެން ދެމިއޮންނާނަން. އަދި, މި މައްސަލަ [މެދުއިރުމަތީގެ] އެހެން ސަރަޙައްދަކަށް ފެތުރުނަ ނުދޭން އެއްބާރުލުން ދޭނަން. މި ކަމުގައި އެމެރިކާއާއި ޢިރާޤުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ ވަރަށް މުހިންމު ކަމެއް،" ބައިޑަން ވިދާޅުވިއެވެ.

އީރާނަށް ރައްދު ދިނުމުގެ ގޮތުން ޙަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ, އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަނާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ ޔަހޫދީންނަށް ނަސޭހަތްތެރިވެފައެވެ. އެމެރިކާއިން ވެސް ވަނީ, ރައްދުގައި އީރާނަށް ޙަމަލާ ދޭން ޔަހޫދީން ނިންމައިފި ނަމަ, އެމެރިކާއިން އެ ކަމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. އަދި, އެ ކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.